”ސިމްބާ“ ގެ ޓުރެއިލާ ހޯމަ ދުވަހު ރިލީޒު ކުރަނީ!

ސާރާ އަލީ ޚާން އާއި ރަންވީރު ސިންގު އެކުގައި ފެނިގެންދާ ފިލްމު ”ސިމްބާ“ ގެ ޓުރެއިލާ އަންނަ ހޯމަ ދުވަހު ރިލީޒު ކުރަން ނިންމައިފި އެވެ.

އެކަން ރަންވީރު ވަނީ އޭނާގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ.

”ސިމްބާ“ އަކީ ރޯހިތު ޝެޓީ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުގައި ރަންވީރު ފެނިގެންދާނީ ސަންގުރާމް ބެލެރާއޯ ނަމަކަށް ކިޔާ ފުލުހެއްގެ ކެރެކްޓާއިންނެވެ.

”ސިމްބާ“ އަކީ ސާރާ އަށްވެސް ވަރަށް ހާއްސަ ފިލްމެކެވެ. ސަބަބަކީ އެއީ އޭނާ ފެނިގެންދާނެ ދެވަނަ ފިލްމަށް ވާތީ އެވެ.

ސާރާ ބޮލީވުޑަށް ތައާރަފު ވުމަށް ހަމަޖެހިފައިވަނީ ”ކެޑާނަތު“ އިންނެވެ. އެއީ ސުޝާންތު ރާޖުޕުތު އާއެކު އޭނާ ކުޅެފައިވާ ފިލްމެކެވެ. އެ ފިލްމު މި މަހުގެ ހަތް ވަނަ ދުވަހު ރިލީޒު ކުރުމަށް ހަމަޖެހިފައިވާއިރު ”ސިމްބާ“ ރިލީޒު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.