ފުރަތަމަ ހަތަރު ހަފްތާތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް ”އޫރީ“!

ބޮލީވުޑްގެ ވިކީ ކައުޝަލް ފެނިގެންދާ ފިލްމު، ”އޫރީ: ދަ ސާޖިކަލް ސްޓްރައިކް“އަށް ބޮކްސް އޮފީހުގައި 200 ކުރޯޑް ރުޕީސްގެ ފައިދާއެއް ލިބިއްޖެއެވެ.

އަދިތްޔަ ދަރް ޑައިރެކްޓްކޮށް މިދިޔަ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމަށް، ވޭތުވެދިޔަ 28 ދުވަހުގެ ތެރޭގައި 200.7 ކުރޯޑް ރުޕީސްގެ ފައިދާއެއް ލިބުނުއިރު، މިއީ މިއަހަރު ރިލީޒްކުރި ފުރަތަމަ މިޑް ރޭންޖް ފިލްމުތަކުގެ ތެރެއިން 200 ކުރޯޑް ރުޕީސް ލިބުނު ފުރަތަމަ ފިލްމެވެ.

ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ހިއްސާކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ފިލްމު އޫރީ އަކީ ފުރަތަމަ ހަތަރު ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ރެކޯޑް މީގެ ކުރިން އޮތީ އެސްއެސް ރާޖަމޯލީގެ ފިލްމު ”ބާހްބާލީ 2″ގެ އަތުގައެވެ.

އޭގެ އިތުރުން އާމިރް ޚާން ފެނިގެންދާ ދެ ފިލްމު ”ދަންގަލް“ އާއި ”ޕީކޭ“ އަދި ”ސަންޖޫ“ގެ އިތުރުން ސަލްމާން ޚާން ފެނިގެންދާ ދެ ފިލްމު ”ޓައިގާ ޒިންދާ ހޭ“ އާއި ”ބަޖްރަންގީ ބައިޖާން“އަށް ފުރަތަމަ ހަތަރު ހަފްތާ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ ވެސް ބޮޑު އާމްދަނީއެއް ފިލްމު ”އޫރީ“ ވަނީ ހޯދައިފައެވެ.

އޫރީ އާމީ ކޭމްޕަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އިންޑިއާގެ އަސްކަރިއްޔާއިން ހިންގި ސާޖިކަލް ސްޓްރައިކްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު ”އޫރީ“ގައި ވިކީ ކައުޝަލްގެ އިތުރުން ދެން ފެނިގެންދަނީ މޮހިތް ރައިނާ، ޕަރޭޝް ރަވާލް އަދި ކްރިތީ ކުލްހާރީއެވެ.