ރިތިކްގެ ”ސުޕަ 30“ ޖުލައި 26 ގައި ރިލީޒު ކުރަނީ

ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކު ރޯޝަން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު ”ސުޕަ 30“ މި އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ރިލީޒު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހަބަރުތައް ބުނާގޮތުން، މިހާރު ކުރިއަށް ދަނީ އެ ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ.

”ސުޕަ 30“ އަކީ، އިންޑިއާގެ ޕަޓްނާގެ ފަގީރު ދަރިވަރުންތަކަކަށް ހިސާބު އިލްމުވެރިއެއް ކަމަށްވާ އާނަންދު ކުމާރް، ހިންގި ތައުލީމީ ޕްރޮގުރާމެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެ ފިލްމުގައި އާނަންދުގެ ހަޔާތުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވާނެ ކަމަށްވެއެވެ.

އެ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ވިކާސް ބާލް ޑައިރެކްޓު ކުރާ ފިލްމެކެވެ.