ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންތަ؟

ދުންފަތުގެ އިސްތިއުމާލު ކުރާ އެތައް މިލިއަން މީހަކު މި ދުނިޔޭގައި ދިރިއުޅެ އެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ ޒުވާނުންނާއި މުސްކުޅިން އަދި ކުޑަކުދިން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނުރައްކާތެރި އަދި އެކަމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެއްކަން އެނގޭ މީހުންވެސް ގިނައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރާއި އަނގަޔަށާއި ކަރަށް ޖެހޭ ކެންސަރު އަދި ލިވާ އާއި ކޮލޯން އަށް ޖެހޭ ކެންސަރު ފާހަގަކޮށްލެވެ އެވެ. މިފަދަ ނުރައްކާތެރި ބަލި ތަކަކީ ކޮންމެ އަހަރަކު އެތަކެއް މިލިއަން މީހަކު މި ދުނިޔެ ދޫކުރަން ޖެހޭ ސަބަބު ކަމުގައިވެ އެވެ.

އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެއީ ފެށުމަށް ކިތަންމެ ފަސޭހަ ކަމެއް ކަމުގައިވީ ނަމަވެސް، ހުއްޓާލަން ވަރަށް އުނދަގޫ ކަމެކެވެ. ވަރަށް ހިއްވަރާއި ކެތްތެރިކަންވެސް ބޭނުންވާނޭ ކަމެކެވެ.

އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންނަމަ، އެންމެ ފުރަތަމަވެސް އެކަން ކުރާނެ ދުވަހެއް ކަނޑައަޅާށެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ތިމާއަށް ލިބިގެންދާނެ ހިތްވަރަކަށް ވާނެއެވެ. އަދި އެކަން ހުއްޓާލުމުގެ ތައްޔާރީތައް ވުމަށް ތިމާއަށް ބާރު އަޅާނޭ ކަމެކެވެ.

އެއަށްފަހު ދުންފަތުގެ އިސްތިއުމާލު ކުރުން މަޑުމަޑުން މަދު ކުރަން ފަށާށެވެ. އަދި އެކަން ކުރާހިތްވާ ކޮންމެ ފަހަރަކު، ޗުވިންގ ގަމެއް ނުވަތަ މެޓަލެއް ފަދަ އެއްޗެއް ކާލާށެވެ. ޗުވިންގަމް، މެޓާ ފަދަ އެއްޗިއްސަކީ ދުންފަތަށް ”ކްރޭވް“ ކުރުން ކުޑަކޮށްދޭނެ އެއްޗިއްސެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން މަައްކަތް ކުރާ ދުވަސްވަރަކީ އާއިލާ އާއި ރަހުމަތްތެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ދުވަސްވަރެކެވެ. އެ ދުވަސްވަރު އާއިލާ މީހުންނާއި ރަހުމަތްތެރިންނާއެކު ގިނަ ވަގުތު ހޭދަ ކުރުން މުހިއްމެވެ. އެކަމުގައި އެމީހުންގެ ފަރާތުން ހިއްވަރު ހޯދާށެވެ. ހުއްޓާލަން މަސައްކަތް ކުރާއިރު ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް އެމީހުންނާ ހިއްސާ ކުރާށެވެ.

ކޮންމެއަކަސް، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ކުރިންވެސް ފާހަގަކުރި ފަދައިން ވަރަށް ހިއްވަރާ ކެތްތެރިކަން ބޭނުންވާނެ ކަމެކެވެ. އެ ދެ ކަންތައްކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލެވިދާނެ އެވެ.