ކުޑަކުދިންނަށް، އިލެކްޓްރޯނިކް ކުޅޭ އެއްޗިއްސަށްވުރެ ބްލޮކްސް ނުވަތަ ޕަޒަލް ކަހަލަ އެއްޗެހިން މާ ފައިދާ ކުރޭ!

ކުޑަކުއްޖަކަށް ނުވަތަ ކުޑަ ދަރިފުޅަށް އުފަން ދުވަހަށް ގަތްދޭން ތިއުޅެނީ އިލެކްޓްރޯނިކް ގޭމެއް ނުވަތަ ޓެބްލެޓެއްތަ؟ ނޫނީ ކޮންމެވެސް ޑިޖިޓަލް އާލާތެއްތަ؟ ތި ހިޔާލު ދޫކޮށްލުން ރަނގަޅެވެ.

އެއީ ކުޑަކުދިންގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، އާއިލާއާއެކު ކުރިން ކުޑަކުދިން ކުޅެން ގެންގުޅުނު ބުލޮކްސް، ޕަޒަލް ނުވަތަ އުކާލަން އުޅޭ ކާޑްބޯޑް ބޮކްސްފަދަ ތަކެއްޗަކީ ކުޑަކުއްޖާއަށް އެންމެ ރަނގަޅު ކުޅޭ އެއްޗިއްސެވެ. ސަބަބަކީ އޭގެ ސަބަބުން ކުއްޖާގެ އުފެއްދުންތެރިކަމާއި ވިސްނުން ތަރައްގީ ވެގެންދާނެތީއެވެ.

އުމުރުން ފަސް އަހަރުގެ ކުޑަކުދިން ކުޅެން އެންމެ ރަނގަޅު ކުޅޭ އެއްޗިއްސާ ގުޅޭގޮތުން ރިޕޯޓެއް ޝާއިރުކުރި ކޯ އޯތަރ، ޑރ. އެލން މެންޑެލްސޮން ވިދާޅުވާ ގޮތުގައި، ޓެބްލެޓްގައި ފަދަ ކުޅޭ އެއްޗިއްސާއި ގޭމްތަކަކީ ތައުލީމީ އަދި ސިކުނޑި ތަނަވަސްކޮށްދޭ އެއްޗެއް ކަމަށް ބުނެ އިސްތިހާރު ކުރި ނަމަވެސް، ސައިންސްގެ އަލީގައި އެކަމަށް އެދެވޭ ހެއްކެއް ދެއްކިފައެއް ނެތެވެ.

”ގިނަ ބެލެނިވެރިންނަށް ގިނަފަހަރު ގަބޫލުކުރެވިފައި އޮންނަނީ، އެންމެ އަގުބޮޑު ކުޅޭ އެއްޗަކީ އެންމެ ރަނގަޅު އެތިކަމަށް. ނުވަތަ އެންމެ ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައި ހުންނަ ކުޅޭ އެއްޗެހިކަމަށް،“ އޭނާ ވިދާޅުވެފައިވެއެވެ.

ނިއު ޔޯކްގައި ހުންނަ އެންވައިޔޫ ލެންގޯން ހެލްތުގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، މެންޑޮލްސޮން އިތުރަށް ވިދާޅުވީ، ކުޑަކުދިން ބޮޑަށް އެއާ ވެގެން އުޅޭނެ އަދި ބެލެނިވެރިންނާއެކު ކުޅެވޭނެ ފަދަ ކުޅޭ އެއްޗިއްސަކީ ކުޑަކުއްޖާގެ ސިއްހީ ދުޅަހެޔޮ ކަމަށް ވެސް އެންމެ އެކަށީގެންވާ އެއްޗެހި ކަމަށެވެ.

އެގޮތުން ބޭނުން ކުރެވިދާނެ ބައެއް ކުޅޭ އެއްޗެހިގެ ތެރޭގައި ބޯޅަ، ޕަޒަލްސް، ކުލަ ޖައްސާ ފޮތް އަދި ކާޑު ގޭމްސްތައް ހިމެނިދާނެއެވެ.

އެމެރިކަން އެކެޑަމީ އޮފް ޕެޑިއެޓްރިކްސްގައި ޝާއިއުކޮށްފައިވާ ޑރ. މެންޑަލްސޮންގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، އިލެކްޓްރޯނިކް މީޑިއާއަށް ކުއްޖާ ބަރޯސާ ވާނަމަ، ކުއްޖާގެ ވާހަކަދެއްކުމާއި ބަހުރުވަ އުފެދުމުގައި ހުރަސްތަކެއް ދިމާވެ، ބެލެނިވެރިޔާއާއެކު ކުޅެން އުޅޭ މުހިއްމު ވަގުތު ގެއްލި، ކުއްޖާ ފަލަވުމަށް މެދުވެރިވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

ކުޑަކުދިންގެ ޑޮކްޓަރުންގެ ގުރޫޕުން ލަފާދޭ ގޮތުގައި، އުމުރުން ދެ އަހަރުގެ ކުޑަކުދިންނަށް ސްކްރީން ދެއްކުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި އުމުރުން ދެ އަހަރަށްވުރެ ބޮޑެތި ކުދިންނަށް ޓީވީ އަދި ކޮމްޕިއުޓަރު ކުރިމަތީގައި އެއްގަޑިއިރަށްވުރެ އިތުރަށް އިނުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.