އިނގުރު ސައި! އެތަކެއް ސިއްހީ މައްސަލަތަކަކަށް ހުރި ފަރުވާއެއް!

އިނގުރަކީ، ހަމަ އެކަނި ކާތަކެތީގެ ރަހަ ހެޔޮވަރު ކުރުމަށް ބޭނުން ކުރަމުން އަންނަ އެއްޗެއް ނޫނެވެ. އެއީ ބައެއް ބާވަތުގެ ސިއްހީ މައްސަލަތަކަށް ފަރުވާ ކުރުމަށްވެސް ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.

އެގޮތުން އިނގުރަކީ ދިގު ދަތުރުތަކުގެ ސަބަބުން ތަޖުރިބާ ކުރަން ޖެހޭ ހޮޑުލުމާއި ބޯ އެނބުރުން ފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭ އެއްޗެއް ކަމަށްވެއެވެ. އެހެންކަމުން ދަތުރަށް އުޅަނދަށް އެރުމުގެ ކުރިން އިނގުރު ސައިތަށްޓެއް ބޯލުން ރަނގަޅެވެ. ހަމައެހެންމެ، ދަތުރު މަތީގައި ވެސް އެފަދަ އުނދަގުލެއް އިހުސާސް ކުރެވޭނަމަ އިނގުރު ސައިތަށްޓެއް ބޯލުން ރަނގަޅެވެ.

އޭގެ އިތުރުންވެސް ބަރުދަން ކޮންޓުރޯލް ކުރުމަށާއި ބަރުދަން އިތުރު ވުމުގެ ސަބަބުން ދިމާވާ ބައެއް އުނދަގޫތަކަށް ފަރުވާ ކުރުމަށް ވެސް އިނގުރު ސައި ބޭނުން ކުރެއެވެ.

އެގޮތުން ފަލަ ބަލި ތަހައްމަލު ކުރަމުންދާ 10 މީހަކު ހިމަނައިގެން ކޮލަމްބިއާ ޔުނިވާސިޓީ އިން 2012 ވަނަ އަހަރު ހެދި ދިރާސާ އަކުންވަނީ، ކޮންމެ ދުވަހަކު ހޫނު އިގުރު ސައި ބުއިމުން އެ މީހުންގެ ބަނޑުހައިކަން ކުޑަވާކަމަށް ދައްކައިފައެވެ.

ބަރުދަން ކޮންޓްރޯލް ކުރުމުގެ އިތުރުން އިނގުރު ސަޔަކީ، ލޭގެ ޕްރެޝަރާއި ކޮލެސްޓުރޯލް ވެސް ދަށްކޮށްދޭ އެއްޗެކެވެ. ހަމައެހެންމެ، ހާޓް އެޓޭކް ޖެހުމުން ރައްކާތެރި ކުރުމަށް ވެސް އިނގުރު ސައި އެހީތެރިވެދޭ ކަމަށް ވެއެވެ.