މިދުވަސްވަރަކީ ރާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ދުވަސްވަރު: ރައީސް

މިދުވަސްވަރަކީ ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ދުވަސްވަރުކަމަށާއި ދިވެހިރާއްޖޭގައި އިންވެސްޓުކުރުމުގެ ދޮރު ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޗައިނާގައި މިއަދު ހެނދުނު ކުރިއަށްދިޔަ ”ބިޒްނަސް ލީޑަރސް ފޯރަމް“ ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ކުޑަ ޤައުމެއްކަމަށް ޤަބޫލުކުރާ ކުރުމަކީ ކުށްހީއެއްކަމުގައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ ރަނގަޅަށް ދަންނަ ފަރާތްތަކަށް ރާއްޖޭގައި ހުރި ފުރުޞަތުތައް އެނގޭނެކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ އެންމެ މަތީފަންތީގެ ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރު ވެފައިވާ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ފަތުރުވެރިންގެ މަންޒިލެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ހުޅުމާލޭގައި ތަރައްޤީ ކުރައްވާ ޔޫތު ސިޓީގެ މަސައްކަތްތަކާއި ރާއްޖޭގައި ތަރައްޤީކުރައްވާ ސްޕެޝަލް އިކޮނަމިކް ޒޯން ތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

 ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރު ޤައުމުތަކުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް މަގުފަހިކޮށްދީ ބޭރުގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށްދީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާބެހޭ ޤާނޫނުތައް ހެދިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ”ފޮރިން އިންވެސްޓްމަންޓް“ ޤާނޫނާއި ”ސްޕެޝަލް އިކޮނޮމިކް ޒޯން“ އާބެހޭ ޤާނޫނު ތަސްދީޤް ކުރެވި އެޤާނާނުތަކުން ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ރައްކާތެރިކަން ލިބިދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއަށް އިޤްތިޞާދީ ގޮތުން އަންނަމުންދާ ކުރިއެރުންތަކަށް މަގުފަހިކޮށްދޭ ބޭރުގެ އިންވެސްޓްމެންޓް ތަކަށް ރާއްޖެއިން މަރުޙަބާ ކިޔާ ކަމުގައި ރައީސްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކިދާއިރާތަކުން ޗައިނާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށާ އެއްބާރުލުމަށްޓަކާ އެޤައުމުގެ ރައީސް ޝީ ޖިންޕިންގ އަށާއި، އެ ޤައުމުގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސޮއިކުރައްވަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ އިސްވެރިންނާ ބައްދަލްކުރައްވައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.