އައްޑޫސިޓީގައި ޤާއިމުކުރާ ޓާރޝަރީ ހޮސްޕިޓަލުން މިއަހަރުގެ ތެރޭގައި ޚިދުމަތްދެވޭނެ: ހެލްތް މިނިސްޓަރ

އައްޑޫސިޓީގައި ޤާއިމުކުރާ ޓާރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި ޚިދުމަތްދެއްވަން ފައްޓަވާނެ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް އަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ނާޒިމް ވިދާޅުވީ، 17ވަނަ ސާރކް ސަމިޓު ބޭއްވުމަށް އައްޑޫ ސިޓީގައި ޢިމާރާތްކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމައި އެކަމުގެ ޢަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށާއި،އެގޮތުން ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހުރި ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާއެވެ.

އެލިއާކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މިމަސައްކަތަށް 21 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ސަރުކާރުންބުނެފައިވާއިރު އެފައިސާ ހަމަޖައްސާފައިވަނީ ސަޢޫދީ ފަންޑުންނާއި، އޯޕެކް ފަންޑު ގެ އެހީގައެވެ.

އައްްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގެ އުތުރުން، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 150 އެނދުގެ ޖާގައިގެ ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްކުރުމަށްވެސް ސަރުކާރުން ވަނީ އިންޑިޔާގެ ނިމްސް ހޮސްޕިޓަލާއި ހަވާލުކޮށްފައެވެ.އެހެންނަމަވެސް އެ މަސައްކަތް އަދިވެސް އެދެވޭގޮތެއްގައި ކުރިޔަށް ދާތަނެއްނުފެނެއެވެ.