ނަމުގެ ކުރިއަށް “ އަން “ އޮތަކަސް ފަރަކު ނުޖެހޭ ، އަންހެން ސިފަތަކެއްވެސް ހުންނަން ޖެހޭ

ޙަޔާތުގެ ބައިވެރިޔާ އާއި އެކު އުފާވެރި ދިރިއުޅުމެއް ވޭތިކުރުމަށްޓަކައި އޭނާގެ ކިބައިގައި ހުންނަން ޖެހެނީ ކޮންކަހަލަ ސިފަތަކެއް ބާވައެވެ؟ މީ ވަރަށް ތަފާތު ޚިޔާލުތައް އެ މައުޟޫއަކާއި މެދު ފާޅު ކުރެވެމުން އަންނަ މައުޟޫއެކެވެ.

ތަފާތު އެކި މުޖުތަމަޢުތަކުގައި އެކި މީސް މީހުން ދެކޭގޮތް ތަފާތު ކަމުގައިވިޔަސް، އެންމެންވެސް އެއްގޮތްވާ ކަންތައްތަކެއް އޮވެއެވެ. އެއީ ފިރިހެނުން އެމީހުންގެ ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ އަންހެނެއްކަމެވެ. އެގޮތުން އެ އަންހެނެއްގައި އަންހެން ސިފަތަކެއް ހުންނަން ޖެހެއެވެ. ހަމަ އެކަނި ނަމުގެ ކުރިއަށް “ އަން “ އޮތަކަސް ފަރަކު ނުޖެހެއެވެ. އެއީ އަންހެނުންވެސް އެކަނބަލުންގެ ޙަޔާތުގެ ބައިވެރިޔަކަށް ފިރިހެން ސިފަތަކެއް ހުރި ފިރިހެނެއް ބޭނުން ވާފަދައިންނެވެ. ތިރީގައި މި ބަޔާންކޮށްލަނީ އެމެރިކާގައި ކުރެވުނު ދިރާސާއަކުން، މުސްތަޤުބަލްގެ އަނބިމީހާ ހޮވުމުގައި ފިރިހެނުން އެންމެ ބޭނުންވާ ސިފަތަކެއް ލިބިގެންވާ އަންބެއްގައި ހުންނަންޖެހޭނެކަމަށް ފާހަގަކުރެވުނު ސިފަތަކެވެ.

1 – އެންމެ އެދެވޭ ސިފަތަކެއްގެ ވެރި އަންހެނާ މާޔޫސްވާކަށް ނުދަންނާނެއެވެ.

2 – ދެމަފިރިންގެ މާއްދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅު ކުރުމަކީ، ލަނޑުދަނޑިކަމުގައި ހަދައިގެން އުޅޭ އަންހެނެއް ކަމުގައި ވެގެންނުވާނެއެވެ.

3 – ފިރިމީހާ އެމީހެއްގެ މައްޗަށް ބަރޯސާވެވޭކަހަލަ ރަނގަޅު ރަޙުމަތްތެރިއެއް ކަމުގައި ވާން ވާނެއެވެ.

4 – ދިރިއުޅުމުގެ ދަތިއުނދަގޫތަކާއި ކުރިމަތިލުމުގައި ފިރިމީހާއަށް އެހީތެރި އަންބެއް ކަމުގައި ވާންޖެހޭނެއެވެ.

5 – ތަންމަތީގައި “ޖެހިލުންކުޑަ“ އަންހެނަކަށް ވާން ޖެހޭނެއެވެ.

6 – ފިރިމީހާ އަތުގައި ހުރިނަމަ ހުރިހާ މުދަލެއް އަމިއްލަ ބޭނުމުގައި ހޭދަކުރާ މީހަކަށް ވެގެން ނުވާނެއެވެ.

7 – މަޢުލޫމާތު ތަނަވަސް ތަހުޒީބު، ހުނަރުވެރި އަންބަކަށް ވާން ޖެހޭނެއެވެ. އަދި އެއަށްވުރެވެސް ބޮޑަށް ފިރިމީހާދެކެ އިންތިހާއަށް ލޯބިވުން މުހިއްމެވެ.

8 – ފިރިމީހާގެ އެދުންތަކާއި ބޭނުންތައް އޭނާ ނުބުންޏަސް ދެނެގަންނާނެ ކުޅަދާނަކަން ހުރުން

9 – ފިރިމީހާ ދައްކާ މަޖާ ވާހަކަތަކަށް ހުނުން، އެއީ ކިތައްމެ ތާކުން ތާކު ނުޖެހޭ ވާހަކައެއް ކަމުގައި ވިޔަސްވެހެވެ.

10 – އަނބިމީހާއަކީ ފިރިމީހާއަށް ބޭނުންޖެހިފައިވާ އަންބެއް ކަން އޭނާއަށް އިޙްސާސްކޮށްދިނުން، އަދި އޭނާގެ ކިބައިން ނާޖާއިޒު ފައިދާގަނޑެއް ނުނެގުން.

11 – ފިރިމީހާ ޢަމަލުތައް ގެންގުޅޭ އުސްލޫބު ބަދަލުކުރަން މަސައްކަތް ނުކުރުން

12 – އޭނާގެ ފިރިހެންވަންތަކަމާއި މެދު ފަޚްރުވެރިވާނެ ފަދަ ގޮތަކަށް، މަދުވެގެން ދުވާލަކު އެއްފަހަރު، ޚުޝާމަދުކޮށްލުން.

އިސްވެ ދިޔަ ނުކުތާ ތަކުން ފާހަގަވާގޮތުން، ދިރިއުޅުމުގައި ފިރިހެނުން އެނބުރެނީ އޭގެ މާއްދީ ބަޔާއި މަސައްކަތާއި ޖިސްމާނީ އަރާމުގެ ނާރެހުގައެވެ. އެޔާ ޚިލާފަށް އަންހެނުން އުޅެނީ ޙަޔާތުގެ މަޢުނަވީ ބައި ނަގައިގެންނެވެ. އޭގެ ތެރޭގައި ޙިމާޔަތާއި އަމާންކަން އިޙްސާސްވުމާއި ލޯތްބާއި އިޙްތިރާމް އެއީ އެކަނބަލުންނަށް އެންމެ މުހިއްމު ކަންތައްތަކެވެ.

އަންހެނުންގެ އާދައަކީ ކުދިކުދި ގިނަ ކަންތައްތަކެއް ކުރުންކަމުގައި ބުނެވެއެވެ. އެޔާ ޚިލާފަށް ފިރިހެނުން ކުރަނީ ބޮޑު އެންމެ ކަމެކެވެ. މާނައަކީ އަންހެނުން، އެމީހުންގެ ލޯބި ފާޅުކުރުމުގައި ވަކި ވަކި އެއްވަރެއްގެ ކުދި ކަންތައްތަކެއް ކުރެއެވެ. އެއީ ފިރިހެނުން ކުރާ ބޮޑު އެއްކަމާއި އެއްވަރު ވާފަދައިންނެވެ. ނަމަވެސް ފިރިހެނުންނަށް ހީވެފައި އޮންނަނީ ކޮށްލާ ބޮޑު އެންމެ ކަމަކުން ފުދުނީ ކަމުގައެވެ. ފިރިހެނުންވެސް ކުދި ކުދި ގިނަ ކަންތައްތަކެއް އަބަދުވެސް ކުރާނަމަ ލޯބި އާލާކުރުމުގައި ބޮޑު އެންމެ ކަމެއް ކުރާކަށް ނުޖެހޭނެއެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.