ޝައްފާނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފައި: ފުލުހުން

ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގައި ވަޅިން ހަމަލާދީ، މަރާލި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭގެ ހާދިސާގައި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފެވެ. މާލޭގެ ސްކޫލެއްގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އައި އެ ކުއްޖާ އަށް ހަމަލާދީފައިވަނީ ރޭ ދަންވަރު ދޭއް ޖަހާކަންހާއިރު، ގ. ސަބްދޭރިޔާ މަގުން ދަނިކޮށެވެ.

ރޭގެ ހާދިސާއާއި މާލެއާއި އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާ ގުޅޭގޮތުން މީޑިއާތަކަށް މިއަދު ދެއްވި ބަޔާނެއްގައި ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވީ، ރޭގެ ހާދިސާ ހިނގާފައިވަނީ ވެސް މާރާމާރީތައް ހުއްޓުވައި މާލެތެރެ އަމާންތަނަކަށް ހެދުމަށްޓަކާ ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދިޔަ ދަނޑިވަޅެއްގައި ކަމަށެވެ.

ނަމަވެސް ރޭގެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ހާދިސާގައި ތުހުމަތު ކުރެވޭ ބަޔަކު އަތުލައިގަނެ، އެމީހުން ފުލުހުންގެ ހައްޔަރުގައި ތިބި ކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ޝިފާން ވިދާޅެއްނުވެއެވެ.

”ރޭގެ ހާދިސާ ހިނގައިގެން އޭގެ ކުޑަކުޑަ ހިދުކޮޅެއްގެ ތެރޭގައި ފުލުހުންގެ ފަރާތުން މަގުމަތި ޕެޓްރޯލް ކުރައްވާ ފުލުހުން މި ހާދިސާގައި ތުހުމަތު ކުރެވޭ އެކި ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި. ފުލުހުންގެ ބެލުމުގައި ދަށުގައި އެފަރާތްތައް ތިބިކަމުގެ ޔަގީންކަން ވެސް އަރުވަން،“ މީޑިއާއަށް ސުވާލުކުރުމުގެ ފުރުސަތު ނުދެއްވާ ބޭއްވި ފުލުހުންގެ ޕްރެސްގައި ޝިފާން ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަފްތާތެރޭގައި އައްޑޫ ސިޓީ އާއި މާލޭގައި ހިންގި މާރާމާރީތަކުގައި ހަތަރު ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. އެގޮތުން އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި މާރާމާރީއެއްގައި ދެ ޒުވާނަކު ޒަހަމްކޮށްލިއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އޮލިމްޕަސް ކައިރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. އަދި އިއްޔެގެ މެންދުރުގެ ވަގުތެއްގައި ގިޔާސުއްދީން ސްކޫލް ކައިރީގައި ވެސް ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.

ޝިފާން އިތުރަށް ވިދާޅުވީ،މާލެ އާއި އައްޑޫ ސިޓީގައި ވޭތުވެދިޔަ ދުވަސްތަކުގައި ހިންގި މާރާމާރީގެ ހާދިސާތަކާ ގުޅުންހުރިކަމަށް ތުހުމަތު ކުރެވިގެން 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 17 މީހުން ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.