މާރާމާރީތައް ވަނީ ކޮންޓްރޯލް ކުރެވިފައި، އެކަމުގައި ސިޔާސީ ފަރާތްތަކުގެ އަތެއް ނެތް: ފުލުހުން

ވެރިރަށް މާލެ އާއި އައްޑޫ ސިޓީގައި ވޭތުވެދިޔަ ދުވަސްތަކުގައި ހިންގި މާރާމާރީތަކާ ވަޅި ޖެހުމުގެ ހާދިސާތަކުގައި ސިޔާސީ އެއްވެސް ފަރާތެއްގެ އަތެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

މާލެއާއި އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާ ގުޅޭގޮތުން މީޑިއާތަކަށް މިއަދު ދެއްވި ބަޔާނެއްގައި ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވީ، މާރާމާރީތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދައްކަމުންދާ ކަމަށާއި ހާއްސަކޮށް އެކަންކަމަކީ ސިޔާސީ ބޭފުޅުން ކުރުވާ ކަންތައްތަކެއް ކަމަށް ސިފަކުރުމަށް ތަފާތު ނަޒަރިއްޔާތަކުން ލިޔަމުންދާކަމަށެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭނުން މިހާތަނަށް ބެލިބެލުމުން މިކަންކަމަކީ ސިޔާސީ އެއްވެސް ފަރާތަކުން އިސްވެ ނުވަތަ ސިޔާސީ އެއްވެސް ބަޔަކު ކުރުވާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނުވޭ،“ ޝިފާން ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ކަންކަމުގެ ސަބަބުން މަގުމަތި ހަލަބޮލިވާން ފުރުސަތު ލިބިފައި އެބަހުރިކަން ފާހަގަކުރައްވާ ޝިފާން ވަނީ، ގައުމު ހަލަބޮލިވާކަހަލަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ. އަދި

ޝިފާން އިތުރަށް ވިދާޅުވީ، މާލެ އާއި އައްޑޫ ސިޓީގައި ވޭތުވެދިޔަ ދުވަސްތަކުގައި ހިންގި މާރާމާރީގެ ހާދިސާތަކާ ގުޅުންހުރިކަމަށް ތުހުމަތު ކުރެވިގެން 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 17 މީހުން ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ކުރީ އަހަރުތަކޭ އަޅާބަލާއިރު މިއަހަރު މާރާމާރީތަކުގައި ދުނިޔެ ދޫކޮށްފައިވާ މީހުންގެ އަދަދު މަދުވެފައިވާކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ، މިއަހަރުގެ ތެރޭގައި މާރާމާރީތަކުގައި ތިން ދިވެއްސަކު ނިޔާވެފައިވީ ނަމަވެސް، އެފަދަ ހާދިސާތައް މިއަހަރުގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އަދި އެކަން ދަމަހައްޓާ ރާއްޖެއަކީ ހަމަޖެހުމާއި އަމާން އޮމާންކޮށް ކުރިއަށްދާ ގައުމެއްގެ ގޮތުގައި ހެދުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތުގައި ދިވެހި ފުލުހުންނާއެކު ރައްޔިތުން މިހާރުވެސް މަސައްކަތްކުރައްވާ ބީދައިން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްކުރެއްވުމަށް ޝިފާން އިލްތިމާސް ކުރެއްވިއެވެ.