މަޖިލިސް މެންބަރު ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށް އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.

ޓްރާންސިޝަން މަސައްކަތްކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ބަދަލު ކުރުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި ޝާހިދު ވިދާޅުވީ، މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ސަރުކާރު ބަދަލުކުރުމުގެ ކަންކަމުގައި އުޅުއްވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށެވެ.

އެހެންކަމުން، އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

”ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާ ސަރުކާރު އުފެއްދެވުމާއެކު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދީ، އެމަނިކުފާނުގެ އާ ސަރުކާރުގެ ހިދުމަތުގައި އަޅުގަނޑު ހުންނާނެ ކަމަށް. އަދި އަޅުގަނޑު މިދިޔަ 25 އަކަށް އަހަރު ރައްޔިތުން މަޖިލީހުގައި ކުރަމުންދިޔަ މަސައްކަތްތަކަށް، ރައްޔިތުން ދެއްވި ފުރުސަތަށް ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާ ކަމަށް،“ ޝާހިދު ވިދާޅުވިއެވެ.

ޑީއާރުޕީގެ މެންބަރެއްގެ ގޮތުގައި 1995 ވަނަ އަހަރު މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާއެކުއެވެ. އަދި އެފަހުން ރައްޔިތުން މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ އަބްދުﷲ ޝާހިދު ވަނީ ޑީއާރުޕީއިން ވަކިވެވަޑައިގަތް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ދެހާސް ތޭރަވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ގޮތަށް އެޕާޓީގެ ލީޑާޝިޕުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ހުންނާނީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ މަގާމެއްގައި އެމަނިކުފާނަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގައި ހޭދަކުރި 25 އަހަރުގެ ހިދުމަތުގައި އެކި ކަހަލަ މަރުހަލާތައް ފެނިގެންދިޔަ ނަމަވެސް މިއަދު ރައްޔިތުން މަޖިލިސް މިއަދު ދެކެމުންމިދާ ކަޅު އަދިރި ދުވަސްތަކެއް ދުވަހަކުވެސް ފެނިފައިނުވާކަމަށެވެ.

އެގޮތުން މަޖިލީހުގެ އެތައް ގިނަ މެންބަރުނެއް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވޭ ގޮތް ހަދައި، ރައްޔިތުންގެ ބަސް މަޖިލީހުގައި ބުނުން ހުއްޓުވާފައިވާތީ އެކަމާމެދު ޝާހިދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

”ކުރިއަށް އޮތް ތަނުގައި ދިެވހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ފުރިހަމަ އާރާބާރާއެކު ރައްޔިތުންގެ އަޑު އުފުލައި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރަމުން ގެންދާނެ މަޖިލީހަކަށް ވުމަށް. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުގެ އިސްތިއުފާގެ ސިޓީ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމަށްފަހު،“ ޝާހިދު ވިދާޅުވިއެވެ.