ފުލެޓް ދޫކުރުން ހުއްޓުވުމުގެ ވަގުތީ ޢަމުރެއް ނެރެދެއްވުމަށް ތިނަދޫ ކައުންސިލުން އެދިއްޖެ

”ހިޔާ“ މަޝްރޫއުގެ ދަށުން ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ހައުސިން ޔުނިޓު ދޫކުރުން ހުއްޓުވުމުގެ ވަގުތީ ޢަމުރެއް ނެރެދެއްވުމަށް ތިނަދޫ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެ އެވެ.

ތިނަދޫ ކައުންސިލުގެ ރައީސް، އިބްރާހިމް ޢައްސަދު ވިދާޅުވީ ފްލެޓު ދޫކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް އޭސީސީގައި ކައުންސިލުން އެދިފައިވަނީ، އަވަސް އަރުވާލައިގެން ވަކި ޕާޓީއަކަށް ނިޞްބަތްވާ ފަރާތްތަކަށް މަންފާ ލިބޭގޮތަށް ފްލެޓުތައް ދޫކޮށްފައިވާތީއާއި، ފްލެޓުތަކަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުރުވުމުން ރައްޔިތުންގެ މެދުގައި މަޞްލަޙަތު ގެއްލުމުގެ ފުރުޞަތު އޮތުމުން ކަމަށް ކަމަށެވެ.

”އަވަސް އަރުވައިގެން ރައީސްއަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން މި ފްލެޓުތައް ދިނުމަކީ ފްލެޓު ލިބެންޖެހޭ ހައްގުވެރިން އޭގެން މަހުރޫމްވެ އާންމުންގެ ތެރޭގައި މަސްލަހަތު ގެއްލެންދިމާވާނެކަމެއް. ކައުންސިލުން ބޭނުންނުވޭ ރައްޔިތުންގެ މެދުގައި މަސްލަހަތު  ގެއްލެގޮތަށް މިކަން ކުރާކަށް. މިކަން ކުރަންވާނީ ވީހާވެސް ބޮޑަށް ދެފުށްފެންނަ އިންސާފުވެރި ގޮތަށް.“ ތިނަދޫ ކައުންސިލްގެ ރައީސް އަސްއަދު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ، ވަގުތީ އަމުރެއް ނެރެގެން ނަމަވެސް ފްލެޓު ދޫކުރުން ހުއްޓުވައި އެކަމާ ގުޅިގެން އަންނަ ޝަކުވާތައް ވީހާވެސް ކުޑަކޮށް އަދި އެންމެ އިންސާފުވެރިގޮތެއްގައި ފްލެޓު ދޫކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް އޭސީސީގައި އެދިފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ގދ. ތިނަދޫގައި އަޅާފައިވާ 120 ފްލެޓުތަކުގެ ތެރެއިން ފުލެޓުތަކުގެ އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް 238 ފޯމު ވަނީ ހުށަހަޅާފައެވެ. ސީ ކެޓަގަރީގެ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކަން ހަމަޖައްސާފައިވާ ފްލެޓުތަކެކެވެ.