ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑް 24 ގަޑިއިރު ހުޅުވިފައި ހުންނާނެ: އެފްއެސްއެމް

ޕެޓްރޯލާއި ޑިސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭގޮތަށް އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާއިދު އިސްލާހުކޮށް، ގެޒެޓްކޮށްފައިވާއިރު އެޤަވާއިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައިވާ ބެހެއްޓޭނެއެވެ. މިޤަވާއިދުގެ ދަށުން ޕެޓްރޯލާއި ޑީސަލް ވިއްކޭނީ، އެކަމާ ގުޅޭ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

ޕެޓްރޯލް ޝެޑްތައް 24 ގަޑިއިރަށް ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން ނިންމަވާފައިވާތީ، ބުދަދުވަހުންފެށިގެން ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑް 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ވަނީ ބުނެފި އެވެ.

24 ގަޑިއިރު ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައިވާއިރު، އެހެނިހެން ވިޔަފާރިކުރާ ތަންތަނަށްވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާ ބެހޭ އުސޫލު އެކުލަވާލައި، އާއްމުންގެ ޚިޔާލަށް ވަނީ ހުށަހަޅާފައެވެ.

ވިޔަފާރީގެ ހިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އަމާޒްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ.