ލިޓަސްއަށް ޝުކުރު! ފެނުގެ އަސަރުކުރި ސައިކަލްތަށް ހިލޭ ސާވިސް ކޮށްދެނީ!

މިއަދު ހެނދުން ފެށިގެން މެދުކެނޑުމެއް ނެތި މާލެ ސިޓީއަށް ކުރަމުންދިޔަ ވިއްސާރައިގާ މަގުތަކުގައި ފެންބޮޑުވެ ގެއްލުންވި ސައިކަލްތަކަށް ހިލޭ ސާވިސްކޮށްދޭން ލިޓަސް އިން ނިންމައިފިއެވެ.

ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފު ރަޝީދުއާ ހަވާލާދީ އަވަސް އޮންލައިންގައި ބުނެފައިވަނީ، މާލެއަށް ކުރި ވިއްސާރައިގައި ގިނަ ސައިކަލްތަކަކަށް ގެއްލުން ލިބި، ސައިކަލްތައް ސާވިސް ކޮށްދިނުމަށް އެދި ގިނަ ބަޔަކު އެ ކުންފުންޏަށް ގުޅަމުން އަންނަ ކަމަށެވެ.

އެގޮތުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ލިޓަސް އިން ސައިކަލްތައް ހިލޭ ސާވިސް ދިނުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

”މާދަމާ ހެނދުނު 8:30 ން ފެށިގެން ރޭގަނޑު 10:00 އަށް ހިލޭ ސާވިސް ކޮށްދެވޭނެ. ފެނުގެ ތެރޭގައި ސައިކަލް ހުރި ކަން އަންއިގައިދޭ ފޮޓޯއެއް ފަދަ އެއްޗެއް ހިފައިގެން އައުމަކީ ވަރަށް ބޮޑު އެދުމެެއް،“ އާސިފް ވިދާޅުވި ކަމަށް އަވަސް އޮންލައިންގައި ބުނެފައިވެއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް ސައިކަލް ވިއްކުމުގެ ވިޔަފާރިކުރާ، ލިޓަސްގެ ސާވިސް ސެންޓަރު ހުންނަނީ ހަދީބީ މަގުގައެވެ.

އާސިފް ރަޝީދު ވިދާޅުވެފައިވަނީ، އެއްވެސް އަގެއް ނުނަގާނީ ސައިކަލަށް ދިމާވެފައި ހުރި މައްސަލަ ބަލައި ފުލް ސާވިސްކޮސްދީ ސައިކަލް ދޮވެދިނުމަށެވެ. ނަމަވެސް ފެން ވަދެ ލިބުނު ގެއްލުމުގެ ސަބަބުން ސައިކަލްގެ ސްޕެއާއެއް ބަދަލު ކުރަންޖެހިއްޖެނަމަ، އެ ސްޕެއާއެއްގެ އަގު ކަސްޓަމަރު ދައްކަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މާލެއަށް މިއަދު ހެނދުން ފެށިގެން ކުރަމުންދާ ވިއްސާރައިގާ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ވެސް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެގޮތުން ގާތްގަނޑަކަށް ފޫޓަކަށް ވުރެ މައްޗަށް ފެންބޮޑުވެފައިހުރި ކަމަށް މައުލޫމާތު ލިބިފައިވާއިރު، މަގުމަތީގައި ޕާކުކޮށްފައިވާ ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އަދި ފެންބޮޑުވުމުގެ ސަބަބުން ޕާކު ކޮށްފައިހުރި ވެހިކަލްތައް ވެއްޓި، އޮޔައި ވެސް ގޮސްފައިވެއެވެ.