3ނޮވެމްބަރުގެ ހުކުމްތަށް ފުރަތަމަ ފަހަރަށް އާންމުކޮށްފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ހިންގި ޝަރީއަތްތަކާއި ކުރެވުނު ހުކުމްތަކުގެ ލިޔެކިޔުންތައް ހައިކޯޓުގެ ވެބްސައިޓްގައި އާއްމުކޮށްފިއެވެ. މިއީ އެދުވަހު ދިން ހަމަލާގައި ދައުވާކޮށް ޝަރީއަތްތައް ކުރެވުނު ފަރާތްތަކުގެ މައްޗަށް އިއްވުނު ހުކުމްތައް އާއްމު ކުރި ފުރަތަމަ ފަހަރެވެ.

ހައިކޯޓުން ބުނީ، 1988 ގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިންގި އުދުވާނީ ހަމަލާ އާއި ގުޅިގެން ހައިކޯޓުން ޖުމުލަ 75 މައްސަލައެއް ބަލާފައިވާ ކަމަށެވެ. އަދި އެމައްސަލަތަކުގެ ލިޔެކިޔުންތައް މިހާރު ހައިކޯޓުގެ ރަސްމީ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ ހާދިސާގައި މީގެ ކުރިން އޮޅުން ފިލާފައި ނުވާ ތަފްސީލީ މައުލޫމާތުތަކާއި ވަކިވަކި މީހުން ކަންކަން ކުރިގޮތްތައް އާއްމުންނަށް އެނގެން އޮންނާނެއެވެ.

މީގެ 1980 ވަނަ އަހަރު އެކޯޓު އުފެދުނީއްސުރެ 1989 ވަނަ އަހަރާ ހަމައަށް ނިންމި ހުރިހާ މައްސަލަތަކެއްގެ ހުކުމްތައް ވެސް މިހާރު ހައިކޯޓުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

މީގެ 30 އަހަރު ކުރިން ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންނެވެ.