ތުހުމަތު ކުރެވިދާނެ، ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުކޮށް ނުދެވޭނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މީގެ ކުރިންވެސް ތަފާތު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާއި، އޭރުވެސް އެކަން ސާބިތު ނުކޮށްދެވުނު އިރު މިހާރު ކުރަމުންގެންދާ އެމްއެމްޕީއާރްސީން ހިންގިކަމަށްބުނާ ކޮރަޕްޝަންގެ މައްސަލަވެސް ސާބިތުނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މަޖްލިސް އިންތިހާބުގައި ވާދަކުރާ ޕީޕީއެމް މެމްބަރުންނަށް ޕާޓީ ޓިކެޓު ދިނުމަށް ޕީޕީއެމް އޮފީހުގައި ބުރާސްފަތިދުވަހުގެރޭޭ ބޭއްވި ހަފްލާއަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ގުޅޭ ގޮތުން އަބަދުވެސް ވަރަށް ގިނަ ތުހުމަތު ކުރައްވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ތުހުމަތެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ސާބިިތުކޮށްދެވިފައި ނުވާކަމަށެވެ.

“ އަޅުގަނޑާއި ގުޅޭގޮތުން އަބަދުވެސް ވަރަށް ގިނަ ތުހުމަތު ކުރައްވާ.މީގެކުރިންވެސް އެބަހުރި ދެއްތޯ ވަރަށް ގިނަތުހުމަތު ކޮށްފަ. ސާބިތުކުރެވިފައޮތީ ކިތަށް މައްސަލަތޯ.؟ އެއްވެސް ތުހުމަތެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ސާބިިތުކޮށްދެވިފައި އެބައޮތްތޯ؟“ ރައީސް ޔާމީން މީޑިޔާއަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ފެންމަތިވި ސަރުކާރުން ރިސޯޓު ހެދުމަށް ރަށްވިއްކާފައި ދައުލަތުގެ މާލިއްޔަތަށް ވަންނަންޖެހޭ ފައިސާ ނުވަދެ، އެފައިސާ އެހެންދިމާލަކަށް ދިޔަ މައްސަލަ ފެންމަތިކުރީ އެމަނިކުފާނުކަމަށާއި،  އަދި އެމައްސަލަތަކުގައި ފިޔަވަޅުއެޅުއްވީވެސް އެމަނިކުފާނުކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް އެމަނިކުފާނާއި ބައްދަލުކުރެއްވި ކަމަށާއި، އެމްއެމްޕީއާރްސީގެ މައްސަލަތަކުގެ ތެރެއިން ފާހަގަކުރެއްވީ އެމްއެމްޕީއާރްސީން ޑޮލަރު އެހެން މުއައްސަސާތަކަށް އެގްރިމެންޓް ހެދުމަށްފަހު ވިއްކާ މައްސަލަ ކަމަށެވެ. އެގޮތުން އެމްޕީއެލުން އެމްއެމްޕީއާރްސީއާއެކު ހަދާފައިވާ އެގްރިމެންޓްގެ ވާހަކަ ހިއްސާ ކުރެއްވި ކަމަށެވެ.

އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ފެންމަތިވި ސަރުކާރުން ރިސޯޓު ހެދުމަށް ރަށްވިއްކާފައި ދައުލަތުގެ މާލިއްޔަތަށް ވަންނަންޖެހޭ ފައިސާ ނުވަދެ، އެފައިސާ އެހެންދިމާލަކަށް ދިޔަ މައްސަލާގެ އެއްވެސް ވާހަކައެއް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް ނުދައްކަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“ މިދެންނެވި އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ވާހަކަ ނުދައްކަވާ އެހެނިހެން މައްސަލަތަކުގެ ވާހަކަތަށް ދެއްކެވުމަށްފަހު އޮޑިޓަރ ޖެނަރަލްގެ މަގާމުން ނިޔާޒް އިސްތިއުފާ ދެއްވީ. ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވޭ. ކީއްވެތޯ އޮޑިޓަރ ޖެނަރަލްގެ ހައިސިއްޔަތުން މިމައްސަލަ ނުބެލީ. ފުލުހުންނަށް މައްސަލަ ހުށަހަޅާގެން ކަންކަން ކުރިއަށް ގެންދިއުމަކީ އޮޑިޓަރ ޖެނަރަލްގެ ގާނޫނީ ޒިންމާއެއް.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އަބަދުވެސް އެމަނިކުފާނާއި ދިމާލަށް އިނގިލި ދިއްކުރާ ކަމަށާއި، އެމަނިކުފާނާއި ޒާތީވާކަމަށެވެ. އަދި ނޫސްވެރިންވެސް އަބަދުވެސް ސުވާލު ކުރައްވަނީ އެމަނިކުފާނާއި އެކަނި ކަމަށާއި، މީގެ ކުރީގެ އެހެން ސަރުކާރުތަކުގައި ހިންގާފައިވާ ކަރަޕްޝަންގެ ވާހަކަތަށް ނޫސްވެރިން ނުދައްކާ ކަމަށެވެ. އަދި ކަމިޝަން ހަދައިގެން ވަކި ތާރީހަކުން ފެށިގެން ކަންކަން ބަލަން އުޅެންވީ ކީއްވެތޯވެސް ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.