ކޮމަންވެލްތުގައި ބައިވެރިވާން ރަސްމީކޮށް ހުށައަޅުއްވައިފި

ކޮމަވެލްތުން އެއްބަސްވެފައިވާ ކަންކަން ނަގަހައްޓާނެ ކަމުގެ ޔަގީންކަމާއެކު ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.

ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. ނަމަވެސް ރާއްޖޭގެ އެތެރޭގެ ކަންކަމާ ކޮމަންވެލްތުން ބެހޭކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 13 އޮކްޓޫބަރު 2016 ގައި ކޮމަންވެލްތުން ވަކިވިއެވެ.

ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސްގެ 100 ދުވަހުގެ އެއް ވައުދެވެ. އެގޮތުން ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ކޮމަންވެލްތުގެ ޗާރާގަ އާއި ހަރޭރޭ ޑެކްލެރޭޝަންގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތައި އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވ.ެ

އަދި ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތު ޗާޓާގައިވާ އުސޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ދެމެހެއްޓުމަށްޓަކާ ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައި ވެސް ރައީސް ފާހަގަކުރައްވައިފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓައި އިންސާނީ ހައްގުތައް ރައްކާތެރިކުރުން ކަށަަވަރުކޮށް، ގައުމުގެ ހިންގުން ހަރުދަނާކޮށް، ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްގީއަށް ޖާގަދިނުމުގައި ކޮަމަންވެލްތުގެ މެންބަރަކަށް ވުން މުހިންމު ކަމަށް ވެސް ސިޓީ ފުޅުގައި ވިދާޅުވެފައިވެއެވެ.

ބައިނަލްއަގްވާނީ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކި ހާސިލްކުރުމުގައި ދިވެހިރާއްޖެއިން ބޭރު ދުނިޔެއާ އެކަހެރިކޮށް އޮތުމަކީ މި ސަރުކާރުން ގަބޫލުކުރައްވާ އުސޫލެއް ނޫންކަމުގައި ފާހަގަކުރައްވާ ރައީސް ސޯލިހް ކޮމަންވެލްތަށް ފޮނުވި ސިޓީފުޅުގައި ވިދާޅުވީ، ސަރުކާރުގެ ވިސްނުންފުޅަކީ ކުޑަ އަދި ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމެއްގައި ސުލްހަވެރިކަމާއި އޮމާން ކަމާއެކު ވެރިކަން ބަދަލު ވެގެން ދިޔަދިއުމުގެ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކިއެކި ފަންނީ އަދި ގާބިލް މީހުން ތަމްރީނު ކުރުމުގެ މުހިންމުކަން ރައީސް ސޯލިހުގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

އެގޮތުން ކޮމަންވެލްތްގެ ފަރާތުން މީގެ ކުރިން ދިވެހިންނަށް ލިބެމުންދިޔަ، މަތީ ތަޢުލީމުގެ ފުރސަތުތަކާއި ކުޅިވަރުގެ މައިދާނުގައި ފަހިވެފައި ހުރި ފުރސަަތުތައް ފާހަގަ ކުރައްވައި އެފަދަ ފުރުސަަތުތަކުގައި ދިވެހިން ރާއްޖެއިން އެކި ރޮނގުރޮނގުން ބޭރުގައި ކުރާ ތަޖުރިބާތައް، ރާއްޖޭގެ ފަންނީ ދާއިރާތަކުގައި ހިއްސާވަމުން ދާކަން ފާހަގަކުރެއްވިއެވެ.