މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ފުރަތަމަ އަނިޔާ ލިބޭ ބަޔަކަށް ވާން ދިވެހިން ބޭނުންނުވޭ: ނަޝީދު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުރަތަމަ އަނިޔާ ލިބޭ ބަޔަކަށް ވާން ދިވެހިން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕޮލެންޑްގައި ކުރިއަށްދާ ދުނިޔޭގެ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް-24 ގައި ތަޤްރީރުކުރައްވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިން ތިބީ މަރުވާން ތައްޔާރަށް ނޫން ކަމަށެވެ. ކުދި ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އޮތް މިންވަރު ދުނިޔޭގެ ސަމާލުކަމަށް ގެނަނަމުން ރައީސްނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ އަނިޔާ ލިބޭ ބަޔަކަށް ވާން ދިވެހިން ބޭނުންނުވާ ކަމަށެވެ.

އެހެންކަމުން ދިވެހިންނަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުންކޮށްގެންވެސް ފެނުން މަތީގައި ތިބެވޭތޯ ބަލާނެ ކަމަށާއި، މިމަސައްކަތުގައި މުޅި ދުނިޔެއިންވެސް ބައިވެރިވާންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާކަމެއް ކަމަށާއި، މިއީ ރާއްޖެ ދެމިއޮތުމަށްވެސް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. މިބައްދަލުވުމުގެ ހަވާސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް-24 ގައި ބައިވެރިވާ ކުދި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ.

ކޮންފަރެންސް އޮފް ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް-24 ގައި ނަޝީދު ބައިވެރިވެވަޑައިގެންފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންދޫބެއްގެ ގޮތުގައެވެ.