ރާއްޖޭގައި މީޓަރު ޓެކްސީ ތައާރަފްކުރަން ނިންމައިފި

ރާއްޖޭގައި މީޓަރު ޓެކްސީ ތައާރަފްކުރަން ސަރުކާރުން ނިންމައިފިއެވެ.

ޓްރާސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާސްޕޯޓް މިނިސްޓަރު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދޭން ތައްޔާރަށް އޮތް ސަރުކާރެއް ކަމަށާއި އެހެންކަމުން ރާއްޖެއަށް މީޓަރު ޓެކްސީ ތައާރަފްކުރަން ނިންމީ ވެސް ގިނަ ރައްޔިތުން އެކަމަށް އެދުމުން ކަމަށެވެ.

އެގޮތުން އެ ނިންމުން ނިންމުމުގައި މީޓަރު ހަރުކޮށްގެން އަގު ނެގުމާ ގުޅޭގޮތުން އާންމުންނަށް ހުޅުވާލި ސާވޭއަށް ރިއާޔަތް ކޮށްފައިވެއެވެ. މިނިސްޓަރު ނަހުލާ ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 10000 މީހުން ބައިވެރިވި އެ ސާވޭގައި 60 ޕަސެންޓް މީހުން ޓެކްސީތަކުގައި މީޓަރު ހަރުކުރަން ތާއީދުކުރެއެވެ.

ރާއްޖެއަށް މީޓަރު ޓެކްސީ އަލަށް ތައާރަފްކުރަން ނިންމާފައިވާކަން މިނިސްޓްރީން އިއުލާންކުރި ނަމަވެސް މީޓަރު ޓެކްސީގެ އަގުތަކާއި އުސޫލުތައް މިއަދުގެ ޕްރެސް ކޮންފަރެންސްގައި އާންމު ކޮށްފައެއް ނުވެއެވެ. އެ މައުލޫމާތުތައް ހިއްސާ ކުރާނީ ފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ނަހުލާ ވަނީ، މީޓަރު ޓެކްސީ ތައާރަފްކުރި ނަމަވެސް މާލޭގައި މިހާރު ދަތުރަކަށް ނަގަމުންދާ 25 ރުފިޔާއަށްވުރެ އަގުބޮޑު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ވިދާޅުވީ، އަގު ކަނޑައަޅާނީ އާންމުންނާއި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާކުރުމަށްފަހު، ދެ ފަރާތަށް ވެސް އެކަށީގެންވާ ގޮތަކަށް ކަމަށެވެ.

ރާއްޖޭގައި މީޓަރު ޓެކްސީ ތައާރަފްކުރަން ސަރުކާރުން ނިންމާފައިވާއިރު، ބްރިޖު ދަތުރުތަކަށް ޓެކްސީތަކުން ނަގާ އަގުބޮޑުވެގެން ޓެކްސީގެ އަގުތައް ކަނޑައެޅުމަށް މިފަހުން ބޭއްވި ފޯރަމްގައި ވެސް ގިނަ އާންމުން ވަނީ މީޓަރު ޓެކްސީ ތައާރަފްކުރުމަށް އެދިފައެވެ.

ނަމަވެސް ފޯރަމްގައި ބައިވެރިވި ޓެކްސީ ޑްރައިވަރުން ވަނީ، ބްރިޖު މަތީގައި ކުރާ ދަތުރަކަށް 100 ރުފިޔާއަކީ އެންމެ އެކަށީގެންވާ އަގު ކަމަށާއި އަގު ކުޑަކޮށްފިނަމަ ގެއްލުންވާނެ ކަމަށް ބުނެފައެވެ.