ކެޕްޓަން ރާމިޒު ރަސްމީ އިއްޒަތުގައި ވަޅުލައިފި

ޑިއުޓީގައި ހުންނަވަނިކޮށް، ކުއްލި ގޮތަކަށް ނިޔާވި އެމްއެންޑީއެފްގެ ކެޕްޓަން، މުހައްމަދު ރާމިޒުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ވަޅުލައިފިއެވެ.

ކެޕްޓަން ރާމިޒުގެ ހަށިކޮޅު ވަޅުލީ، އިސްލާމީ މަރުކަޒުގައި މިއަދުގެ އަސްރު ނަމާދަށްފަހު ބޭއްވި ކަށުނަމާދަަށްފަހުއެވެ.

ކަށުނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، ނައިބް ރައީސް ފައިސަލް ނަސީމް އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިތުރުން ސިފައިންގެ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

އެމްއެންޑީއެފް ނޯތާން އޭރިއާ ޕޯސްޓުގައި ހުންނަވަނިކޮށް ކެޕްޓަން ރާމިޒު، 48 އަހަރު ކުއްލި ގޮތަކަށް ނިޔާވީ އިއްޔެ ހަވީރު ކަސްރަތަށް ނުކުމެ، ދުވަމުން ދަނިކޮށް ކުއްލި އަކަށް ވެއްޓިގެންނެވެ.

ކެޕްޓަން އާޒިމްގެ ހަށިކޮޅު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.

ކެޕްޓަން ރާމިޒް ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 19 އޯގަސްޓް 1995 ގައެވެ. އެގޮތުން ނިޔާވިއިރު، އޭނާ ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރާއި 4 މަހާއި 21 ދުވަސް ހޭދަކުރައްވައިފައެވެ.

ޚިދުމަތުގެ މުއްދަތުގައި ލިބިލައްވާފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި ސިފައިންގެ ހިދުމަތުގެ މެޑަލި، އަހުލާގީ މެޑަލި، 17 ވަނަ ސާކް ސަމިޓް މެޑަލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަހުލާގީ ކުލަ 3 ފަހަރަށް އިހްލާސްތެރި ޚިދުމަތުގެ ކުލަ އަދި ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ.