ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ބ.އަތޮޅުގައި ހިންގާ ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިގައިގެންއުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:50 ހާއިރުކަމަށާއި، ރިސޯޓުގައި އަލިފާން ރޯވެފައިވަނީ ރިސޯޓްގެ އިންޖީނުގޭގައި އާއި ވޯކްޝޮޕްގައި ކަމަށެވެ. އަދި ރިސޯޓްގެ މުވައްޒަފުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ރީތި ބީޗުގެ އިންޖީނުގޭގައި އަލިފާން ރޯވިއިރު، އެ ރިސޯޓުގައި 200 އަށްވުރެ ގިނަ ޓޫރިސްޓުން ތިއްބެވެ. އެ މީހުން ވެސް މިހާރު ވަނީ ރިސޯޓުގެ މެއިން ބާއަށް ގެންގޮސްފަ އެވެ.

ރީތި ބީޗް ރިސޯޓުން ވާހަކަދެއްކި މީހަކު ބުނީ އިޖީނުގޭގައި ރޯވި އަލިފާންގަނޑާއެކު އިންޖީނުގޭގެ އުތުރުފަރާތު ފާރުވެއްޓުމުގެ އިތުރުން ފުރާޅުގެ ޓިނުތައް ނެއްޓިފައިވާ ކަމަށެވެ.