ރިލްވާން މައްސަލާގައި ބޭނުންވާ ހުރިހާ ސުވާލަކަށް ޖަވާބުދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ސުއޫދު

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގައި ބޭނުންވާ ހުރިހާ ސުވާލަކަށް ޖަވާބުދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ވިދާޅުވެއްޖެ އެވެ.

2014ވަނަ އަހަރުގެ އޮގްސްޓްމަހުގެ ނުވަނަދުވަހު ސުއޫދުވެސް ބައިވެރިވެވަޑައިެގެންނެވި ރިލްވާންގެ ހަދާނުގައި ބޭއްވި ހިގާލުމުގެ ބައެއް ފޮޓޯތަކާއި އެކު ސުއޫދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ، ”މިއަދު ކުރެވޭ މަސައްކަތާއި މެދު އުފާވާ ކަމަށެވެ“. އަދި “ 2014 ވަނަ އަހަރުގެ އޮގަސްޓް ނުވަ ވަނަ ދުވަހު ކުރި ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް“ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާޖަކަދައްކަވަމުން ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ކުރިން ވިދާޅުވެފައިވަނީ  ބައެއް މައްސަލަތަކުގައި ކަންހިނގި ގޮތުގެ ތަސައްވުރެއް ކޮށްލެެވޭ ވަރަށް މައުލޫމާތު އެއްކުރެވިފައިވާ ކަަމަށެވެ. އެގޮތުން ފަސް މައްސަލައެއްގައި ކުރިއެރުން ލިބިފައިވާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމާއި ރިލުވާން އަދި ޔާމީން ރަޝީދުގެ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”ރިލުވާނާއި އަފްރާޝީމްއާ އަދި ޔާމީން ރަޝީދުގެ މައްސަލައިގައި މިދެންނެވީ އަޅުގަނޑުމެންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް އެއްކުރެވިއްޖެ. އަޅުގަނޑުމެންނަށް ވަރަށް ގިނަ މީހުންތަކެއް ހާޒިރު ކުރެވިއްޖެ. ބަޔާންތަކެއް ނެގިއްޖެ. އެހެންވީމާ އެ ބަޔާންތަކުގެ އަލީގައި އަޅުގަނޑުމެންނަށް މުޅި މައްސަލައިގެ އޯވަރޯލް ވެފައި އޮތް ގޮތް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ވަރުގެ މައުލޫމާތުތަކެއް ލިބިއްޖެ،“ ސުއޫދު ކުރިން ވިދާޅުވެފައިވެއެވެ.