ހިޔާނާތުގެ ކުށުގައި ޖަލު ހުކުމެއްގައި ހުރި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން މައުލޫމާތުދޭ ގޮތުގައި، އޭނާ ގޭ ބަންދަށް ބަދަލުކުރީ މިއަދުގެ ވަގުތެއްގައެވެ.

ޒިޔަތު މިއަދު ގޭބަންދަށް ބަދަލުކުރިއިރު، އޭނާއަށް އިއްވި ޖަލު ހުކުމުގެ މުއްދަތުގެ ތެރެއިން ތަންފީޒު ކުރެވިފައިވަނީ އެންމެ 2 އަހަރާއި އަށް މަހެވެ.

ޖޫން 23، 2016 ގައި ޒިޔަތު، އަށް އަހަރަށް ޖަލަށްލާފައިވަނީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ހިޔާނާތްތެރިވި މައްސަލައެއް ސާބިތުވުމުންނެވެ. އެ މައްސަލާގައި އޭނާ ޖަލަށްލިއިރު، އިތުރު 33 ދައުވާއެއް ވެސް ދައުލަތުން އޭނާގެ މައްޗަށް ވަނީ އުފުލައިފައެވެ. އަދި އެ ދައުވާތަށް ސާބިތުވެއްޖެނަމަ އޭނާގެ ޖަލު ހުކުމުގެ މުއްދަތު 90 އަހަރަށް އަރާނެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ވެސް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ވިޔަފާވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ހުކުމެކެވެ.