އެމްއާރުއެމް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ނަމުގައި ސިޔާސީ ޕާޓީއެއް  އުފެއްދެވުމުގެ  ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެމްއާރުއެމް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ އިސްލާހީ ތަސައްވުރު ގެ ގޮތުގައި ހިންގަމުންގެންދިޔަ ”މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް) “ ގެ ނަމުގައި ހިންގަމުން އައި އިސްލާހީހަރަކާތް ޕާޓީއަކަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް މައުމޫން ނިންމެވީ ޕީޕީއެމްގެ މައްސަލާގައި ސްޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެންނެވެ.

ޕީޕީއެމްގެ ކޮންގްރެސް ސައްހަ ނޫން ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން އެ ކޮންގްރެސް ސައްހަ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ޕީޕީއެމްގެ މިލްކުވެރިކަަމާ ބެހޭ މައްސަލަަ ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

ރައީސް މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާއިރު މިއީ އެމަނިކުފާނު އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އެވެ.

ރައީސް މައުމޫން އިސްވެހުންނަވައިގެން ޕާޓީއެއް އުފައްދަން ހުށަހެޅި އިރު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް މައުމޫންގެ ތާއީދާއެކު 32 ދާއިރާއަށް ވާދަކުރާނެ ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.