ތަރައްޤީގެ ދުވެލި ބަރުހެލިވެގެން އުޅެނީ ލާމަރުކަޒީ ކުރަން ނުކެރިގެން: ރައީސް

ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްޤީގެ އައްސޭރި އަތުލަން ކަމަށާއި، އިޤްތިޞާދީ ދުވެލި އަހަރުން އަހަރަށް މަތިވަމުން ދާއިރުވެސް، ތަރައްޤީގެ ދުވެލި ބަރުހެލިވެގެން މިއުޅެނީ، މަރުކަޒީ އުސޫލު ދޫކޮށް، ލާމަރުކަޒީ ކުރަން ނުކެރިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ޤާނޫނު އިޞްލާޙް ކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށްޓަކައި މިއަދު ހެނދުނު ކުރިއަށްދިޔަ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓަލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދޫކުރަން ތައްޔާރަށްއޮތްކަމަށެވެ. އަދި މި ސަރުކާރުން ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް، އެރަށެއްގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، ހިންގުމުގެ އިދާރީ އަދި މާލީ ބާރުވެރިކަން ދީގެން އެކަން ޙާޞިލުކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ފެށުނު މަހާސިންތާ އަމާޒުކުރެވިފައި ވަނީ، ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގައި، ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ އެކަންތައް ޙައްލުކުރުމާ ގުޅޭ ގޮތުންނެވެ. މިހެންވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނު އިޞްލާޙްކުރާއިރު، މުޅިނިޒާމު އެކުގައި އިޞްލާޙްވެގެންދާފަދަ ގޮތަކަށް މަޝްވަރާކުރުމަށް މަހާސިންތާގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ މަހާސިންތާގައި މަޝްވަރާތައް ކުރަމުންދާއިރު ވަކިން ޚާއްޞަކޮށް ސިޓީ ކައުންސިލްތަކުގެ ރެޕްރެޒެންޓޭޝަންއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެކިއެކި ފޯރަމްތަކުގައި ލާމާރުކަޒީ ނިޒާމާގުޅޭގޮތުން އެމަނިކުފާނަށް ކުރިމަތިވެފައިވާ ސުވާލުތައް ވިދާޅުވެދެއްވައި އެކަންތައްތަކާމެދު މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ލާމަރުކަޒީ ކުރުމަކީ، ކައުންސިލްތަކެއް އުފައްދާފައި ކައުންސިލަރުންތަކެއް އިންތިޚާބުކުރުން އެކަންޏެއް ނޫންކަމަށާއި، އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އެހެންކަމުން ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތަކުން ނަގާ ފީތަކަކީ، އެރަށްރަށުގެ އެފަދަ ޚިދުމަތްތައް ތަރައްޤީކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެފަދައިން އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ނެތި، ގެނެވޭ ލާމަރުކަޒީ ނިޒާމަކީ ވެސް ހަޤީޤީ ލާމަރުކަޒީ ނިޒާމެއް ނޫންކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނުގައި ބަޔާންކުރާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އަދި ބާރުތައްވެސް، މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭކަމަކަމުގައި ވިދާޅުވެފައެވެ. އަދި އެނޫން ގޮތަކަށް ތަރައްޤީގައި އަންހެނުންގެ ބައިވެރިވުމާއި ޙިއްޞާ އިތުރުކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތެރިވާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމުގައެވެ. އެހެންކަމުން، އެލްޖީއޭގެ ބޯޑަކީ ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދެވޭނެ، އަދި މުޅި ނިޒާމުގެ މުސްތަޤްބަލްވެސް ބައްޓަން ކުރެވޭނެ ބޯޑަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި މި ބޯޑުން ސިޔާސީ މަޤްޞަދުގައި ކައުންސިލަރުން ވަކިކޮށް، ސަސްޕެންޑް ކުރުން ފަދަ ކަންކަމުން ދުރުވާން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.