އަންހެނުން ބާރުވެރި ކުރެވޭނެގޮތްތައް ނެތި ގެނެވޭ ލާމަރުކަޒީ ނިޒާމަކީ ހަގީގީ ނިޒާމެއް ނޫން:ރައީސް

އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައްނެތި، ގެނެވޭ ލާމަރުކަޒީ ނިޒާމަކީ ހަޤީޤީ ލާމަރުކަޒީ ނިޒާމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް  ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ޤާނޫނު އިޞްލާޙް ކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށްޓަކައި މިއަދު ހެނދުނު ކުރިއަށްދިޔަ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ލާމަރުކަޒީ ކުރުމަކީ، ކައުންސިލްތަކެއް އުފައްދާފައި ކައުންސިލަރުންތަކެއް އިންތިޚާބުކުރުން އެކަންޏެއް ނޫންކަމަށާއި، އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން ދޭން ޖެހޭކަމުގައެވެ. އެހެންކަމުން ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތަކުން ނަގާ ފީތަކަކީ، އެރަށްރަށުގެ އެފަދަ ޚިދުމަތްތައް ތަރައްޤީކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެފަދައިން އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ނެތި، ގެނެވޭ ލާމަރުކަޒީ ނިޒާމަކީ ވެސް ހަޤީޤީ ލާމަރުކަޒީ ނިޒާމެއް ނޫންކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނުގައި ބަޔާންކުރާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އަދި ބާރުތައްވެސް، މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭކަމަކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތެރިވާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމުގައެވެ. އެހެންކަމުން، އެލްޖީއޭގެ ބޯޑަކީ ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދެވޭނެ، އަދި މުޅި ނިޒާމުގެ މުސްތަޤްބަލްވެސް ބައްޓަން ކުރެވޭނެ ބޯޑަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.