އަތުލައިގަތް 69 ބިދޭސީއަކު ގަވާއިދާ ހިލާފުވެގެން ޑީޕޯޓް ކޮށްލަނީ!

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިދިޔަ ހަފްތާ ތެރޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބިދޭސީންގެ ތެރެއިން 69 ބިދޭސީއަކު ގަވާއިދާ ހިލާފަށް އުޅެމުންދާ މީހުން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި މިއަހަރުގެ ފުރަތަމަ އޮޕަރޭޝަން ހިންގީ، ޒިކުރާ މިސްކިތުން ފެށިގެން މާވެޔޮމަގާއި އެ މަގާގުޅިފައިވާ ސަރަހައްދުތަކުގައި ތިބި ބިދޭސީންނާއި މާފަންނު ގަޑިބުރު ސަރަހައްދުގައެވެ. އެގޮތުން އެ ސަރަހައްދުތަކުން ސައްހަ ލިޔެކިއުމެއް ނެތް 80 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައެވެ.

އިމިގްރޭޝަނުން ބުނީ، އެ މީހުންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އުޅޭ 11 މީހަކު އެމީހުންގެ ސްޕޮންސަރުން އައިސް ހަވާލުވުމުން ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ހުޅުމާލޭ ޖަލުގެ ޑިޓެންޝަން ސެންޓަރުގައި ބާކީ ތިބި 69 މީހުންނަކީ ވޯކު ވިސާ އާކޮށްފައި ނެތް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުން ކަމުން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެގޮތުން އޭގެ ތެރެއިން 31 މީހަކު މި ހަފްތާ ތެރޭގައި ގައުމަށް ފުރުވާލެވޭނެ ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނީ، އޮޕަރޭޝަންގައި އަތުލައިގަތް ބިދޭސީން ރާއްޖެއަށް ގެނައުމުގައި މެދުވެރިވި ފަރާތްތަކުގެ އިހުމާލެއްވާނަމަ، އިމިގްރޭޝަން ގާނޫނު ތަންދޭ އެންމެ ފުޅާ މިނެއްގައި އެ ފަދަ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަން މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.