ސިޔާމް، މައުރޫފް އަދި އާމިރު ހިމެނޭ ގޮތަށް އެމްޑީއޭގެ ޓިކެޓް 8 ބޭފުޅަކަށް!

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން ވާދަކުރުމަށް 8 ބޭފުޅަކަށް ޓިކެޓް ހަވާލުކޮށްފިއެވެ.

އެ ބޭފުޅުންގެ ތެރޭގައި މިހާރު ވެސް ރައްޔިތުން މަޖިލީހުގައި އެމްޑީއޭ ތަމްސީލު ކުރައްވަމުން ގެންދަވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަލީ މައުރޫފުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އާމިރުވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ތިން މެންބަރުން ވެސް އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އެބޭފުޅުން މިހާރު ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާއަށެވެ.

މިރޭ ބޭއްވި އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ފަރާތުން މަޖިލީހުގެ ހަތް ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދެއްވީ އަހުމަދު ސިޔާމެވެ. ސިޔާމަށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފެވެ.

އެމްޑީއޭގެ ޓިކެޓް ދެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާ އެ ދާއިރާއަށް ކެމްޕޭން ވެސް ކުރައްވަމުން ގެންދަވާ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އާއިޝަތު ރަފިއްޔާ އާއި އެސްޓީއޯގެ ކުރީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަދި އަހުމަދު ސިޔާމް މުހައްމަދުގެ ކޮއްކޮ ހުސެއިން ސާލިމް މުހައްމަދެވެ. އޭނާ ވާދަކުރައްވަނީ ނ. ހޮޅުދޫ ދާއިރާއަށެވެ.

ޓިކެޓް ހަވާލުކުރެއްވި އަނެއް ބޭފުޅުންނަކީ، ނ. ވެލިދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީއޭ އުފެއްދުމުގަޔާއި އެ ޕާޓީގެ އިންތިގާލީ ކައުންސިލާއި ގައުމީ ކައުންސިލުގެ ވެސް މެންބަރު މުހައްމަދު އައްބާސް އާއި ނ. މަނަދޫ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް އަސްލަމް އަދި ރ. ދުވާފަރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އާދަމެވެ.