ކާކުކަން ނޭނގޭ ގޮތަށް ކޮރަޕްޝަންގެ ޝަކުވާ ހުށަހެޅޭނެ ޕޯޓަލެއް ގާއިމްކޮށްފި

ސަރުކާރުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަންތައް ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހުށަހެޅޭނެ އޮންލައިން ޕޯޓަލެއް ސަރުކާރުން ގާއިމްކޮށްފިއެވެ.

އެ އޮންލައިން ޕޯޓަލް ގާއިމްކުރީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ”ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން“ ކެމްޕޭން ފެށުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ގްލޯބަލް ލީކްސް އިން އުފައްދާފައިވާ ވިސިލްބްލޯވިންގް ސޮފްޓްވެއާއަކަށް ގާއިމްކުރި އެ ޕޯޓަލް އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާއިރު މައްސަލަ ހުށަހަޅަނީ ކާކުކަން ބުނެދޭކަށް ނުޖެހޭނެ ކަމަށެވެ.

އަދި މައްސަލަ ހުށަހެޅީ ކާކުކަން އެނގިދާނެތީ، ބިރުގަނެ ޖެހިލުންވާކަށްވެސް ނުޖެހޭނެ ކަމަށާއި މިއީ ވިސްލްބްލޯވިން އަށް މަގުފަހިކޮށްދޭނެ، މުހިންމު ވަސީލަތަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށްވެސް، އަޅުގަނޑު މިއަދު ގޮވާލަނީ، އަޅުގަނޑުމެން މި ހުޅުވައިދިން ދޮރުން ވަދެވަޑައިގަންނަވާށޭ. އެބޭފުޅެއްގެ އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އަޅުގަނޑު އެދެން،“ ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އާންމު ރައްޔިތުން ވެސް އެ ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުން އެދޭ ކަމަށެވެ.

އަދި ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ގައުމު އިސްލާހުކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރެވޭނީ އާންމު ރައްޔިތުންގެ ވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށް ވިދާޅުވިއެވެ.

”ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވަންވީ، ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން. އެކަމަށް ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިޚްލާސްތެރިކަން. ޒަމީރުގެ ތެދުވެރިކަން،“ ރައީސް ސޯލިހު ވިދާޅުވިއެވެ.