ފުލެޓްތަކާމެދު ގޮތް ނިންމެވުމުގައި ރައްޔިތުންނަށް ތަކުލީފު ކުޑަ ކުރުމަށް ރައީސް އެދިވަޑައިގެންފި

ފުލެޓްތަކުގެ މައްސަލާގައި ގޮތް ނިންމެވުމުގައި ރައްޔިތުންނަށް ތަކުލީފު ކުޑަ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް އެގޮތަށް އެދިވަޑައިގަތީ، ފުލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެންބަރުންނާ އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުކުރެއްވުމުގައި ކޮމެޓީގެ މަސައްކަތްތައް ރާވާފައިވާ ގޮތާއި މަސައްކަތް ކުރިއަށް ގެންދާއިރު ފާހަގަކުރެވުނު ކަންކަމާބެހޭ މައުލޫމާތު ކޮމެޓީގެ ފަރާތުން ރައީސްއަށް ވަނީ އަރުވައިފައެވެ.

އަދި އެ މައުލޫމާތުތައް އާންމުންނަ ހިއްސާ ކުރެއްވުމަށް ރައީސް އެދިވަޑައިގަތުން ވަރަށް އަވަސް މުސްތަގްބަލެއްގައި މީޑިއާ މެދުވެރިކޮށް އާންމުންނަށް އެ މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމުގައި ވެސް ކޮމެޓީން ބުނި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ، ކޮމެޓީން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮމެޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް ސޯލިހު އުފެއްދި ފުލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއަކީ، ނިމިދިޔަ ވެރިކަމުގައި ފަށާފައިވާ ”ހިޔާ“ މަޝްރޫ އާއި ”ގެދޮރުވެރިކުރުން“ އަދި ”ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް“ ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް އެކުލަވާލި ކޮމެޓީއެކެވެ.