ކޮރަޕްޝަން ނައްތާލުމަށް ބޭނުންވަނީ އަމިއްލަ ނަފްސުގެ އިހުލާސްތެރިކަން: ރައީސް

ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ފެށޭނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން ގަބޫލުފުޅުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފެށި ”ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން“ ކެމްޕެއިން އިފްތިތާހް ކޮށްދެއްވާ ރައީސް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ފަށަން ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިހުލާސްތެރިކަމާއި ޒަމީރުގެ ތެދުވެރިކަން ކަމަށެވެ. އަދި މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަހެއް ކަމުގައި ހެއްދެވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް ހެދުމަކީ ސަރުކާރުގެ މުހިއްމު އެއް ވައުދުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

”އެ ތަންތަނުން ހިދުމަތްތައް ދޭންވާނީ ދުރާލައި ހަމަޖެހި، އާންމުކުރެވިފައި ހުންނަ އުސޫލުތަކުގެ ތެރެއިން. އެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، ކޮރަޕްޝަނާމެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ ”ޒީރޯ ޓޮލަރެންސް“،“ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަތީ މަގާމުތަކަށް އައިސް ދައުލަތް ހިންގުމުގެ ޒިންމާ އުފުލާ މީހުންނަކީ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނަތަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް ކަމަށްވާނަމަ، ނާޖާއިޒު ގޮތެއްގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އެންމެ ރައްޔިތަކު ވެސް މަސައްކަތް ނުކުރާނެ ކަމަށެވެ.