އަދާލަތަށް ކާމިޔާބުވާ ކޮންމެ ގޮނޑިއަކީ ސަރުކާރަށް ލިބޭ ވަރުގަދަ ބާރެއް: އިމްރާން

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީއަށް ކާމިޔާބު ކުރެވޭ ކޮންމެ ގޮނޑިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ލިބޭ ވަރުގަދަ ބާރެއް ކަމަށް އެޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރާނެ އަށް ކެންޑިޑޭޓަކަށް ޕާޓީގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ފަރާތުން މަޖިލީހަށް ހޮވޭ މެންބަރުންގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އަދި ރައީސްގެ ވައުދުފުޅުތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ގާނޫނީ ބާރު ހޯދުމަށް އަދާލަތު ޕާޓީން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މަޖިލިސް އިންތިހާބުގައި އަދާލަތުން ކުރިން ވާދަކުރަން ނިންމާފައި އޮތީ 13 ދާއިރާއަކަށެވެ. އެގޮތުން އެ ދާއިރާތަކުގެ ތެރެއިން ބައެއް ދާއިރާތަކުގެ ގޮނޑި އަދާލަތަށް ދޫކޮށްދިނުމަށް އެދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީއާއެކު އަދާލަތުން މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔައެވެ.

ނަމަވެސް އެ މަޝްވަރާތަ ކޮޅެއްގައި ނުޖެހި ގޮސް، އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ފޯމް ހުށަހެޅިއެވެ.

އެގޮތުން ރޭ އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓިކެޓް ހަވާލުކޮށްފައިވަނީ ކުރިމަތިލާން ނިންމި 13 ދާއިރާގެ ތެރެއިން އަށް ދާއިރާއަކަށެވެ.

އެ ދާއިރާތަކަކީ މިފަހަރުގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރާ ހަމައެކަނި ދާއިރާ، މަކުނުދޫ ދާއިރާ އާއި ކެލާ ދާއިރާ އާއި ވައިކަރަދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާގެ އިތުރުން ކާށިދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި މުލަކު ދާއިރާ އަދި ނިލަންދޫ ދާއިރާއެވެ.

އަދާލަތު ޕާޓީން ވާދަ ނުކުރާން ނިންމި ދާއިރާތަކަކީ ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާގެ އިތުރުން މާފަންނު ދެކުނު ދާއިރާ އަދި ކުޅުދުއްފުށީ އުތުރު ދާއިރާއެވެ.

ޓިކެޓް ހަވާލުކުރުމަށްފަހު ރޭ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ގިނަ މަޝްވަރާތަކަށްފަހު ފަސް ދާއިރާއަކަށް އެޕާޓީން ވާދަ ނުކުރާން ނިންމީ ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މި ސަރުކާރަށް ލިބުމުގެ މަގުތަނަވަސް ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

އަދި ސަރުކާރު ގެނައުމަށް އަދާލަތު ޕާޓީން މަސައްކަތް ކުރި ފަދައިން ސަރުކާރު ދެމެހެއްޓުމަށް ވެސް އެ ޕާޓީން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވަމުން އަންނަ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.