މަޖިލިސް އިންތިހާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރާއްޖޭގެ 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެކަން އިއުލާންކޮށް އީސީއިން ޓުވީޓެއް ކުރި ނަމަވެސް ވޯޓު ފޮށިތައް ބަހައްޓަނީ ކޮން ރިސޯޓްތަކެއްގައި ކަމެއް އަދި އިއުލާނެއް ނުކުރެއެވެ.

ނަމަވެސް ރީ ރަޖިސްޓްރޭޝަން މުއްދަތުގައި 50 މީހުންނަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެގޮތުން މިހާރު ވޯޓު ފޮށި ބަހައްޓަން ނިންމި 39 ރިސޯޓުގައި ވެސް 50 މީހުން ރަޖިސްޓްރީ ނުވާނަމަ އެ ރިސޯޓެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓާނެއެވެ.

އިންތިހާބުގެ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މަޖިލިސް އިންތިހާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމިއިރު، ހަތް ގައުމެއްގައި ވެސް ވޯޓު ފޮށި ބަހައްޓާނެއެވެ.

އެ ގައުމުތަކަކީ އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް،  ބަނގުލަދޭޝް އަދި އިނގިރޭސި ވިލާތެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.