ހައްޖު ވާޖިބުވުމުގައި އަންހެނާއަށް ޚާއްސަ ޝަރުޠުތަށް

މުސްލިމުންގެ މައްޗަށް މާތްﷲ ވާޖިބުކުރައްވާފައިވާ އަޅުކަންތަކުގެ ތެރެއިން ޙައްޖަކީ މާތްކަން ބޮޑުވެގެންވާ އަޅުކަމެކެވެ. ޙައްޖަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްމެއެވެ. އަދި އެއީ ޢުމުރުން އެއްފަހަރުގައި ވުމުން ފުދޭކަމެއްވެސް މެއެވެ. ކޮންމެއަކަސް މިފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ޝައުޤުވެރިކަން މުސްލިމެއްގެ ހިތުގައި ނެތުމަކީ ނުވާނެކަމެކެވެ. އަދި އެއީ އަންހެނެއްކަމުގައި ނުވަތަ ފިރިހެނެއްކަމުގައި ވިޔަސްމެއެވެ.

ޙައްޖުވާ އަންހެނެއްގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތަކަށް ޚާއްޞަގޮތެއްގައި އަލިއަޅުވައިލަން ޖެހުނީ ސަބަބުތަކެއް ހުރެގެނެވެ. މިޝަރުޠުތަކަކީ ޚިޔާލުތަފާތުވުންތަކެއްހުރި ދަންނަބޭކަލުން އިހުއްސުރެ ބަޙުސްކުރައްވާފައިވާ މައްސަލަތަކެއްކަމުގައިވާތީއެވެ. އަދި މިކަމުގައި ދިވެހިންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރިތަންވެސް ފެންނާތީއެވެ.

އިސްލާމީ ޝަރީޢަތުގެ މައި ދެމަޞްދަރުކަމުގައިވާ ކީރިތި ޤުރުއާނާއި ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލާގެ ސުންނަތުގެ އަލީގައެވެ. މިދެމަޞްދަރުން ޙުކުމަކާ ހަމައަށް ވާޞިލުވުމުގައި ދަންނަބޭކަލުންގެ ވާހަކަތަކަށާއި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކަށް ރިޢާޔަތްކުރާނަމުއެވެ.

މިދިރާސާ އެކުލަވާލުމުގައި އަޞްލަކަށް ބަލާފައިވާނީ ކޮންމެ މަޛުހަބެއްގެވެސް ތުރާސީ ފޮތްތަކެވެ. އަދި ތަރުޖީޙު ދިނުމުގައި المفصل من أحكام المرأة و البيت މިފޮތް ބަލާފައިވާނެއެވެ. މިއީ މަލިކްފައިޞަލް އެވޯޑުވެސް ލިބިފައިވާ ޢިލްމީ ފޮތެކެވެ. ފޮތުގެ މުޞައްނިފަކީ ޑރ.ޢަބުދުލްކަރީމް ޒައިދާންއެވެ. މިއީ ޢިރާޤުގެ ބޭކަލެކެވެ. ކިޔަވާވިދާޅުވީ އަލް-އަޒުހަރު ޔުނިވަރސިޓީއިންނެވެ. ދެން ތަރުޖީޙު ދިނުމުގައި ބަލައިފާވާނީ نيل الأوطار للإمام الشوكاني އެވެ.

ފުރަތަމަ ބައި: އަންހެންމީހާއާއެކު ޙައްޖަށް ނުކުތުމަށް މަޙުރަމަކު ހުރުން

ދެވަނަ ބައި: ވަރިއެއްގެ ސަބަބުން ނުވަތަ ފިރި މަރުވުމުގެ ސަބަބުން ޢިއްދާގައި އިން އަންހެނެއްކަމުގައި ނުވުން.

ޙައްޖަށް ނުކުންނަން އެދޭ އަންހެންމީހާއާ އެކުގައި މަޙުރަމެއް ނުވަތަ ފިރިމީހާ ދަތުރުގައި ބައިވެރިވުން.

މިކަމުގައި ފިޤުހު ޢިލްމުވެރިންގެ ރައުޔަތައް:

ޝާފިޢީ ޢިލްމުވެރިންގެ ރައުޔަ:

ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި ތިންކަމެއްގެ ތެރެއިން ކަމެއް ފުރިހަމަވެއްޖެނަމަ، ޙައްޖު އަންހެނާގެ މައްޗަށް ވާޖިބުވާނެއެވެ. އެތިންކަމަކީ މަޙުރަމެއް ނުވަތަ ފިރިމީހާ ނުވަތަ އިތުބާރުކުރެވޭ އަންހެނުންގެ ޖަމާޢަތެކެވެ. މިއިން ކޮންމެ ބައެއް ނުވަތަ ކޮންމެ ފަރާތެއް ހުރި ކަމުގައިވިޔަސް އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނާގެ މައްޗަށް ޙައްޖު ވާޖިބުވާނެއެވެ. އެހެނީ އެބޭކަލުންގެ އަރިހުގައި އަންހެނެއްގެ ޙައްޖު ވާޖިބުވުމުގައި އެކަނބުލޭގެއަށް ޚާއްޞަވެގެންވާ ޝަރުޠަކީ އެކަނބުލޭގެ ނަފުސުގެ މައްޗަށް އަމާންކަން ލިބުމެވެ. މިއަމާންކަން ފިރިމީހާ ހުރުމުން ނުވަތަ މަޙުރަމަކު ހުރުމުން ނުވަތަ ޢަދުލުވެރިކަމުގެ ޞިފަތައް ލިބިފައިވާ އަންހެނުންގެ ޖަމާޢަތެއް އޮތުމުން ލިބޭނެއެވެ. އެހެންކަމުން އިތުބާރު ހިފޭ ޢަދުލުވެރި އެންމެ އަންހެނަކު ހުރުމަކުން އެބޭކަލުންގެ އަރިހުގައި ޙައްޖު ވާޖިބެއްނުވާނެއެވެ. އެހެންނަމަވެސް ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނާ ފަރުޟު ޙައްޖަށް އެކަނި ނުކުތުން ނުވަތަ އިތުބާރުކުރެވޭ އެންމެ އަންހެނަކާއެކީ ނުކުތުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް ސުންނަތް ޙައްޖުގައި ނުކުތުން އަންހެނަކަށް ހުއްދަވާނީ ފިރިމީހާ ނުވަތަ މަޙުރަމަކާ އެކީގައެވެ.

މާލިކީ ޢިލްމުވެރިންގެ ރައުޔަ:

މާލިކީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނެއްގެ މައްޗަށް ޙައްޖު ވާޖިބުވާނީ އެކަނބުލޭގެއާއެކު ދަތުރުކުރާނެ މަޙުރަމަކު ނުވަތަ ފިރިމީހާ ހުރިނަމައެވެ. އަދި ފަރުޟު ޙައްޖުގައި މަޙުރަމުގެ ބަދަލުގައި އަމާންކަން ލިބިގެންވާކަން ޔަޤީން ޖަމާޢަތެއްގެ ބަޔަކާއެކު ދަތުރުކުރެވިދާނެއެވެ. އަދި އެފަދަ ޖަމާޢަތެއް ހަމައެކަނި އަންހެނުންގެ މައްޗަށް ނުވަތަ ހަމައެކަނި ފިރިހެނުންގެ މައްޗަށް ނުވަތަ އަންހެނުންނާއި ފިރިހެނުންގެ މައްޗަށް އެކުލެވިގެންވުމީ މައްސަލައެއްނޫނެވެ.

ޡާހިރީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔަ:

މިއީ އިމާމް އިބުނު ޙަޒުމުގެ ރައުޔައެވެ. މަޙުރަމެއް ނުވަތަ ފިރިއެއްނެތް އަންހެންމީހާ އެފަދަ ޙާލަތުގައި ޙައްޖުވާނީއެވެ. އޭނާގެ މައްޗަށް ބުރަކަމެއް ނުވަތަ ފާފައެއް އެކަމުގައި ނެތެވެ. އަދި އޭނާއަށް ފިރިއެއް ނުވަތަ މަޙުރަމެއް ލިބިފައިވާނަމަ، އެމީހެއްގެ މައްޗަށް އެކަނބުލޭގެއާއެކު ޙައްޖުވުން ވާޖިބުވާނެއެވެ. އަދި އެކަން ނުކުރިނަމަ، އެމީހަކީ މާތްﷲއަށް އުރެދިފައިވާ މީހެކެވެ. އަދި އެމަޙުރަމު ނުވަތަ ފިރިމީހާއާ ނުލައި ޙައްޖުވުން އަންހެންމީހާއަށް ހުއްދަވާނެއެވެ. އެހެނީ ފިރިމީހާއަށް ފަރުޟު ޙައްޖު އަދާކުރުން މަނާ ނުކުރެވޭނެއެވެ. އޭނާއަށް މަނާކުރެވޭނީ ސުންނަތް ޙައްޖު އަދާކުރުމެވެ.

ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔަ:

ފިރިމީހާ ނުވަތަ މަޙުރަމެއް ލިބިފައިނެތް އަންހެނެއްގެ މައްޗަށް ޙައްޖު ވާޖިބެއްނުވާނެއެވެ. އެކަމުގައި އިމާމް އަޙުމަދުގެ އަރިހުން ނައްޞެއް ވާރިދުވެފައިވެއެވެ. އަބޫދާވޫދު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އިމާމް އަޙުމަދަށް ދެންނެވީމެވެ. ޙައްޖުވުމުގެ ކުޅަދާނަކަން ލިބިގެންވާ އަންހެނަކަށް މަޙުރަމެއްނެތްނަމަ ޙައްޖު ވާޖިބުވާނެތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. އަދި އިމާމް އަޙުމަދު ކިބައިން މަޙުރަމެއް ލިބިފައިވުމަކީ ޙައްޖު އަދާކުރުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްކަމަށާއި، އެއީ ޙައްޖު ވާޖިބުވުމުގެ ޝަރުޠެއްނޫން ކަމުގައި ވާރިދުވެފައިވެއެވެ. މިއީ މަޛުހަބުގެ ދެވަނަ ރައުޔައެވެ. މިރައުޔައިގެ މާނައަކީ މަޙުރަމެއްނެތް ޙާލުގައި ޙައްޖަށް ދިއުމުގެ ކުޅަދާނަކަން ލިބިފައިވާ އަންހެނާގެ މައްޗަށް އޮތީ ޙައްޖަށް ޚަރަދުވާ މިންވަރު ޞަދަޤާތްކުރުމެވެ. އެހެންނަމަވެސް ޙަންބަލީންގެ ގާތުގައި ޞައްހަވެގެންވާ ރައުޔައަކީ ފުރަތަމަ ރައުޔައެވެ. އެބޭކަލުންގެ ރައުޔަ ސާބިތުކުރެއްވުމަށް ވަރަށް ގިނަ ޙަދީސްތަކުން ދަލީލު ދައްކަވައެވެ.

ޙަނަފީންގެ ރައުޔަ:

ހަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނާގެ މައްޗަށް ޙައްޖުވާޖިބުވާނީ މަޙުރަމެއްނުވަތަ ފިރިމީހާ ހުރެގެނެވެ. އެބޭކަލުންވެސް ޙަދީސްތައް ދަލީލުގެ ގޮތުގައި ދައްކަވައެވެ. އަދި އަންހެންމީހާ ފިރިމީހާ ނުވަތަ މަޙުރަމެއްނެތި ޙައްޖަށް ނުކުތުމުން، އެކަނބުލޭގެއަށް ގެއްލުން ކުރިމަތިވާކަމަށް ވިދާޅުވެއެވެ. އަދި ޝަރުޢީ ގޮތުން ގެއްލުން ދުރުކުރުން ލާޒިމްވެގެންވުމަކީ ދަލީލެއްކަމުގައި ނުވަތަ ޙުއްޖަތެއްކަމުގައި ދައްކަވައެވެ.

މިމައްސަލައަކީ ދަންނަބޭކަލުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރި މައްސަލައެކެވެ. އެހެންކަމުން ފަތުވާ ދެއްވުމުގައި ނުވަތަ ދީނުގެ ޙުކުމްތައް ބަޔާންކުރެއްވުމުގައި އަމާނާތްތެރިކަން ނިޔާކުރާ ހެޔޮ ރަނގަޅު ގޮތަކީ މިކަންކަން މިހިރި ގޮތަށް ބަޔާންކުރުމެވެ. އަދި އެންމެހާ ބޭކަލުންގެ ރައުޔަތައްވެސް ވިދާޅުވެދެއްވުމެވެ. މިއީ ޢިލްމުވެރިން ކަންކުރައްވާ ގޮތެވެ…………….. ނުނިމޭ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.