ހުތުބާއި ޒުވާނުންނަށް: ކޮފީ މޭޒުތަކުގައި ގަޑިއިރު ތިބެވޭއިރު، ޤުރުއާން ތަރުޖަމާ ކިޔާލަން މިނެޓެއް ހޭދަކުރެވޭތޯ؟

ދުނިޔެ ކުރިއަރައި، ދީން ކުރިއަރަން ލުއިފަސޭހަތަކެއް މިއަދު ތަނަވަސްވެފައިވާއިރު ވެސް ދުނިޔެވީ ކަންކަމުގައި މަޝްއޫލުވެގެން އުޅުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ ސަމާލުކަމާއި އަހުމިއްޔަތު ކުޑަވެފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

”އިސްލާމްދީނުގެ މަތީގައި ސާބިތުވުން“ގެ މައްޗަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މިއަދުގެ ޖީލުގެ ކުރިން ވަޑައިގެންނެވި ބައެއް ސާލިހުން އިސްލާމްދީންމަތީގައި ސާބިތުވުމަށްޓަކާ އެތައް ވޭނެއް ތަހައްމަލު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އޭރު ސިއްރިޔާތުގައި ޤުރުއާން ކިޔަވައި ފުރާނަ އަތްމައްޗަށް ލައިގެން ނަމާދު ކުރަންޖެހުނު ނަމަވެސް މިއަދު ހާލަތު ބަދަލުވެ، ޤުރުއާން ކިޔަވައި ނަމާދުކޮށްފާނެތީ އެކަމަށް ހުރަސްއަޅާނެ ބަޔަކު ނެތް ކަމަށް ވިދާޅުވިއެވެ.

އަދި މިއަދު ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރައި، ސްމާޓް ފޯނުތަކުގެ ޒަރީއާއިން ވެސް ކީރިތި ޤުރުއާން ކިޔެވޭނެ ގޮތާއި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކިޔޭނެ ގޮތް ފަހިވެފައި ހުރި ނަމަވެސް، ގިނަ މީހުންނަށް މިއަދު ވަގުތެއް ނެތް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

”ދުނިޔެވީ ކަންކަމުގައި މަޝްއޫލުވެގެން އުޅުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ ސަމާލުކަމާއި އަހުމިއްޔަތު ކުޑަވެއްޖެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ،“ ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ﷲ ތައާލާގެ ރަހްމަތުން ސާފު ރީތި މިސްކިތްތަކާއި ދުރަށް އަޑުފޮނުވޭ ވަސީލަތްތަކާއި އެންމެހައި ލުއިފަސޭހަތަކެއް ތަނަވަސްވެފައި ވާއިރުވެސް ފަރްޟު ފަސް ނަމާދު ގަޑިން ގަޑިއަށް ކޮށްލެވެނީ ކިތައް މީހުންނަށްތޯ ހުތުބާގައި ސުވާލު ކުރެއްވިއެވެ.

އަދި ދުވާލަކު އެއް ފަހަރު ވެސް ޤުރުއާނުން ދެ ފޮޅުވަތް ނުވަތަ ތިން ފޮޅުވަތް ކިޔާލެވެނީ ކިތައް މީހުންނަށް ތޯއާއި ދީނަށްޓަކާ ހިދުމަތެއް ކޮށްދެވެނީ ކިތައް މީހުންނަށް ތޯ ވެސް ސުވާލުކުރެއްވިއެވެ.

”ކޮފީ މޭޒުތަކުގައި ދެ ގަޑި ތިން ގަޑިއިރު ފޫހިކަމެއް ނެތި ހޭދަކޮށްލެވޭއިރު ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔައިލަން ދެތިން މިނެޓް ހޭދަކޮށްލެވުނީ ކިތައް ކިތައް ޒުވާނުންނަށްތޯއެވެ،“ ހުތުބާގައި ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ، މިއަދު މިވަގުތުން ފެށިގެން ވެސް އިސްލާހުވާން ބޭނުން މީހަކަށް ފުރުސަތު އެބައޮތް ކަމަށާއި ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ އަޒުމެއް ކަމަށެވެ.

ދުނިޔެއަކީ ވަގުތީ ގޮވައްޗެއް ކަމަށާއި ކޮންމެ މީހަކު ވެސް ދުނިޔޭގައި އޭނާއަށް ކަނޑައެޅިފައިވާ އަޖަލު ހަމަވުމަށްފަހު އެނބުރި ﷲ ތައާލާ ހަޟްރަތަށް ދޭނެ މީހަކަށް އިޝާރާތް ކުރައްވާ ހުތުބާގައި ވިދާޅުވީ، އެއްވެސް މީހަކަށް މި ދުނިޔޭގެ ލައްޒަތާއި ފޮނިމީރުކަމުގައި ތާއަބަދު ދެމި ނުހުރެވޭނެ ކަމަށެވެ.

”އަޅުގަނޑުމެންނަކީ ބުއްދިވެރީންކަމުގައި ވާނަމަ ވަގުތުގެ ބޭނުން ހިފައި، މިދުނިޔެއަކީ އާހިރަތަށް ތައްޔާރުވުމުގެ ގޮވައްޗެއްކަމުގައި ވިސްނައި، އެކަމަށްޓަކާ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެެހެނީ އެދުވަހަކީ އެންމެހާ ހަލްގުތަކުން ހިސާބު ބެއްލެވޭ ދުވަހެވެ،“ ހުތުބާގައި ނަސޭހަތްތެރިވަމުން ވިދާޅުވެފައިވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އިސްލާމްދީން ގޮވައިލަނީ ހަގީގީ މެދުމިނަށް ކަމަށާއި އެއީ ތިމާ ގަޔާވާ ކަމެއް ކޮށްފައި، ގަޔާ ނުވާކަމެއް ނުކޮށް ދޫކޮށްލުމެއް ނޫން ކަމަށެވެ. އަދި އެއީ ތިމާގެ ހަވާނަސްފު އެދޭގޮތެއް ވެސް ނުމެނޫން ކަމަށް ވިދާޅުވިއެވެ.

މެދުމިނަކީ ﷲ ތައާލާ އަޅުގަނޑުމެންނަށް ކަނޑައެޅުއްވި ގޮތްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެއީ ދީނުގެ އެންމެހައި އަސާސްތަކާއި ހުކުމްތަކުގައި ހިފަހައްޓައި، ފަރުޟް ފަސް ނަމާދު ބަރާބަރަށް އަދާކޮށް، ފަރުޟު ރޯދަހިފައި، ޒަކާތް ދެއްކުން ކަމަށެވެ.

އޭގެ އިތުރުން ޝަރުއީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އަޅައި، ދީނުގެ އެންމެހައި ޝިއާރުތަކަސް ނަސްރު ދިނުން ދިނުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.