ރިޔާސީ އިންތިޚާބު ބާޠިލްކުރުން

އިންތިޚާބެއް ބާތިލުކުރުމަކީ ވަރަށް ނާދިރު ޙާލަތްތަތަކެެއް މެދުވެރިވެގެން ނޫނީ ނުކުރެވޭ ގޮތަށް އޮންނަ ކަމެކެވެ. އެއީ ޤާނޫނުގެ ފޮތުގައި އެވާހަކަ ލިޔެފައި އޮންނަ ގޮތެވެ. އިންތިޚާބެއް ބޭއްވުމަކީ ޚަރަދު ބޮޑު އަދި މަސައްކަތް ބޮޑު އިޖުރާއަތެކެވެ. އަދި ވަކިން ޚާއްސަކޮށް ޤައުމެއްގެ ވެރިޔަކު ކަނޑައެޅުމުގެ އިންތިޚާބުނަމަ، އެ ދުވަސްވަރު މުޅި ޤައުމު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަޝްޢޫލުވެފައި އޮންނާނީ ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކުގައެވެ. އެފަދަ އިންތިޚާބެއް ބާތިލުކޮށް އަލުން ބާއްވަންޖެހުމަކީ ޤައުމު ހަމަނުޖެހުމަކަށް ހިނގައިދާނޭ ކަމެކެވެ. އެތައް ޚަރަދެއް ހިނގާނޭ ކަމެކެވެ. އެހެންކަމުން އިންތިޚާބެއް ބާތިލުކުރުމަކީ އަބަދުވެސް، ކޮންމެ ޤައުމެއްގައިވެސް ބޮޑެތި ސަބަބުތަކެއް ހުރެގެން މެނުވީ ކުރެވޭނޭ ކަމެއް ނޫނެވެ. އެކަން ޤާނޫނުތަކުގައި ލިޔެވި، އެގޮތަށް ޢަމަލުކުރަމުން ގެންދަނީ މި ދެންނެވި ފަލްސަފާގެ ދަށުންނެވެ.

ދިވެހިރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކުރެވުނުތާ 24 ގަޑިއިރު ނުވަނީސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވާކަމަށް އިޢުލާނުކުރައްވާފައެވެ. މަދުން ވޯޓު ލިބިވަޑައިގެންނެވީތީ ކޯފާވެފައި ހުންނެވި ނަމަވެސް އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލެއް ނުއުފައްދަވައެވެ. ވާދަވެރި ކެންޑިޑޭޓާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެ، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާއަށް އެއްބާރުލުން ދެއްވާނޭކަމަށްވެސް ވިދާޅުވީއެވެ. އޭގެ ފަހުން ޕްރޮގްރެސިވް ޕާޓީގެ ކޮންގްރެސް ނިންމެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއިރުވެސް ވިދާޅުވީ ހަމަ އެއްލަވައެކެވެ. ކޯފާވީ އެމަނިކުފާނު ކުރެއްވިކަމަށް ޤަބޫލުކުރައްވާ ޚިދުމަތްތަކާ އަޅާބަލާއިރު އެކަށީގެންވާ މިންވަރަށް ވޯޓު ލިބިފައިވާކަމަށް ފެނިވަޑައިނުގަންނަވާތީއެވެ. އެ ކޯފާގައި، ޒުވާނުންނާއި ހަރު މީހުންނާ އުމުރުން ދުވަސްވީ މީހުންނާއި، ގްރޭޓާ މާލެ ސަރަޙައްދުގެ ރައްޔިތުންނާއި، އެންމެ މީހަކު ދޫނުކުރައްވައި އެންމެނަށް އެއްވަރަށް ވަށިވަށިން ދެއްވިއެވެ. އެހެންނަމަވެސް އިންތިޚާބުގެ ސައްޙަކަމާމެދު ސުވާލެއް ނުއުފައްދަވައެވެ.

އިންތިޚާބުގެ ސައްޙަކަމާމެދު ފުރަތަމަ ސުވާލު އުފައްދައި ސަރުކާރު ހިންގާ ޕާޓީއިން ވާހަކަ ދައްކަންފެށީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އޭނާގެ ރަހުމަތްތެރިއަކާ ފޯނުން ދެކެވުނުކަމަށްބުނާ ވާހަކައެއް ސޯޝަލް މީޑިއާގައި ލީކުކޮށްލި ހިސާބުންނެވެ. އިންތިޚާބުގެ ސައްޙަކަމާ އެވާހަކައާ ހުރީ ކިހާ ގުޅުމެއްކަމެއް މުޅި ވާހަކަ އަޑުއެހުމުންވެސް ސާފެއް ނުވެއެވެ. އެއީ އިންތިޚާބާ ގުޅޭ ވާހަކައެއްތޯވެސް ކަށަވަރެއްވެސް ނުވެއެވެ.

ރާއްޖޭގައި މި ބޭއްވުނު ރިޔާސީ އިންތިޚާބުގެ މައްޗަށް ހިނގާނޭ ޤާނޫނަކީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އެވެ. އެ އިންތިޚާބު ބާއްވަންޖެހޭ ގޮތާއި، ޝަކުވާ ހުށަހަޅާނޭ ގޮތާއި، ބާތިލުކުރެވޭނޭ ޙާލަތާއި ގޮތް ބަޔާންކުރަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައެވެ. އެ ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1، 2، އަދި 3 ވަނަ މާއްދާގައި އޮންނަނީ އިންތިޚާބު ބާތިލުކުރެވޭނޭ ސަބަބުތައް ބުނެފައެވެ. އެއީ (1) އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުމާއި، (2) އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުމާއި، (3) އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، އެ އިންތިޚާބަކާބެހޭ ޚާއްސަ ޤާނޫނާ ނުވަތަ އެ ޤާނޫނުތަކުގެ ދަށުން ހެދޭ ގަވާއިދަކާ ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރުމެވެ. އެ ސަބަބުތައް މެދުވެރިވެގެން އިންތިޚާބު ބާތިލުކުރުމުގައި ބަލަންޖެހޭނީ ކޮންކަމަކަށްކަން ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ޢިބާރާތުގައި ބުނެފައި އޮވެއެވެ. އެއީ ކުރިން މި ބުނެވުނު ސަބަބުތައް އެގޮތަށް މެދުވެރިވުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރައި، އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލުއައުމެވެ. އެފަދަ ޙާލަތެއް މެދުވެރިވެފައި އޮތް ކަމަށް ބުނާ ބަޔަކު މައްސަލަ ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ސުޕްރީމް ކޯޓަކަށް ނޫނެވެ. ސުޕްރީމް ކޯޓަކީ އިންތިޚާބަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަށް ވުމަށް ޤާނޫނު ޖާގައެއް ނުދެއެވެ. މީގެ ކުރިންވެސް އޮތީ އެހެން ހަދާފައި ނޫންހޭ ވިދާޅު ނުވައްޗެވެ. އެގޮތަށް ހަދާފައި އޮތްނަމަ އެއީވެސް ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ނިންމާފައި އޮތް ނިންމުމެކެވެ.

އެހެންވީމާ، އިންތިޚާބެެއް ބާތިލުކުރުމުގައި ބަލާނީ، 2 ކަމަކަށެވެ. އެއީ ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ކަމެއް ހިނގާފައި އޮތުމާއި، އެ ހިނގި ޤާނޫނާ ޚިލާފް ކަމެއްގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އައުމެވެ. މިސާލަކަށް، ހުޅުމާލޭގައި ހުރި ވޯޓު ފޮއްޓެެއްގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފްކަމެއް ހިނގާފައި އޮތްކަން ސާބިތުވިޔަސް، ނަތީޖާގައި ދެ ވާދަވެރިންގެ ފަރަޤަކީ 40,000 ވޯޓު ކަމަށްވެފައި، ހުޅުމާލޭގައި ހުރި ފޮއްޓަށް ވޯޓުލަނީ 2000 މީހުން ކަމުގައިވާނަމަ، އެކަމަކީ މުޅި އިންތިޚާބު ބާތިލުކުރެވޭނޭ ސަބަބެއް ނޫނެވެ. ދެން އޮންނާނީ އެ ހިނގި ކަމެއްގެ ސަބަބުން އަޅަންޖެހޭ އެހެން ފިޔަވަޅުތައް އެޅުމެވެ. މިސާލަކަށް ހިނގި ޢަމަލަކީ ވޯޓާ ގުޅުވައިގެން ވޯޓު ލާ މީހުންނަށް ރިޝްވަތު ދިނުން ކަމުގައިވާނަމަ، އެކަމުގައި ހިންގަންޖެހޭ ޖިނާއީ އިޖުރާއަތުތައް ހިންގަންވީއެވެ. އަދި ސާބިތުވާނަމަ އަދަބުވެސް ދޭންވީއެވެ. އެހެންނަމަވެސް އެކަމާ ގުޅުވައި އިންތިޚާބު ބާތިލުކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ކުރަން ޤާނޫނު ޖާގަދޭ ކަމެއްވެސް ނޫނެވެ.

ހާރޫތާއި މާރޫތު އުނގަންނައިދިން ސިހުރުގެ ވާހަކައާއި، ޖާދޫގެ އަނގޮޓިއެއްގެ ވާހަކައަކީ ރިޔާސީ އިންތިޚާބެއް ބާތިލުކުރުމަށް ޝަރުއީ ކޯޓެެއްގައި ދައްކަން ހެޔޮވާވަރުގެ ވާހަކަތަކެއް ނޫނެވެ. އެކަހަލަ ވާހަކައެއްގެ މައްޗަށް މިރާއްޖޭގެ ކޯޓަކުން އެފަދަ ބޮޑު ފައިސަލާއެއްވެސް ނުވެސް ކުރާނެއެވެ.

މި ރިޔާސީ އިންތިޚާބު ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ބާތިލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ނުވެސް ކުރާނެއެވެ. އިންތިޚާބު ބާތިލުކުރަން ގޮވާލާ މީހުންނަށްވެސް އެފަދަ ސަބަބެއް އަމުދުން ނުވެސް ދެއްކެއެވެ.  އިންތިޚާބުގެ ދުވަހު ކަންކަން ދިޔައީ ހީކުރި ވަރަށްވުރެވެސް އޮމާންކޮށެވެ. ނަތީޖާ ނުކުތީ ޝައްކު އުފެއްދުމުގެ ޖާގަ ނުލިބޭހާ ފަރަޤު ބޮޑުކޮށެވެ. ޤައުމުތަކުންނާއި، ބޭރުގެ ޖަމާޢަތްތަކުން އިންތިޚާބުގެ ނަތީޖާ ބަލައިގަތީީި ވާދަކުރި ދެފަރާތުގެ ބަހަށްވެސް ރިޢާޔަތްކޮށްގެނެވެ. ވޯޓު ދިން ރައްޔިތުން ތިބީ އިންތިޚާބުކުރި ރައީސްއަށް ހުވާ ކުރެވި މަޤާމާ ޙަވާލުވެވޭކަން ކަށަވަރުކުރުމަށެވެ. ދުނިޔޭގެ ޤައުމުތަކުން އޮތީ ރާއްޖެއިން ޢަމަލުކުރާ ގޮތެއް ބަލާށެވެ. ރައްޔިތުން އިއްވި ޙުކުމް އޮމާންކަމާއެކު ތަންފީޛުވެގެންދާނެކަމާމެދު އެއްވެސް ޝައްކެެއްނެތެވެ.

| މަޙްފޫޒު ބްލޮގް.