ޢަދުލަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުމުގައި އޮންނަ ހަމައެއް ނޫން

ޢަދުލަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުމުގައި އޮންނަ ހަމައެއް ނޫނެވެ. އެކަމަކު އެއީ މާއްދީ އިޖްތިމާޢީ ޙަޔާތް ޝާމިލުވާ އެއްޗެކެވެ. ޝަރީއަތްކުރުމުގައި ޢަދުލުވެރިވާންޖެހޭ ފަދައިން، ޠަބީޢަތުގައި މާތް ﷲ ލައްވާފައިވާ މުއްސަނދިކަމާއި މުދަލާ މެދުވެސް ޢަދުލުވެރިވާންޖެހެއެވެ. މިތަކެތީގެ ޙަޤީޤީ މިލްކުވެރިއަކީ މާތް ﷲ އެވެ. އިންސާނާއަކީ އެ ތަކެއްޗާ ހަވާލުކުރައްވާފައިވާ، ހުއްދަމަގުން ޢަދުލުވެރިކޮށް އެތަކި މޭވާކުރަން (އިންވެސްޓުކުރަން) ލައްވާފައިވާ އެތަކެތީގެ ޚަލީފާވެރިއެކެވެ. މަންފާ ލިބޭ މިލްކެއްގެ ގޮތުގައި އަދި އިޖްތިމާޢީ ވަޒީފާއެއް އަދާކޮށްދޭ އެއްޗެއްގެ ގޮތުގައި ވެސް، މިތަކެތީގެ ބޭނުން ހިފަންޖެހޭނީ ޢަދުލުވެރިކަމާއެކުގައެވެ. ބޭނުންކުރާ މިންވަރުވެސް އަދި ބޭނުންކުރެވޭ ގޮތްވެސް ޢަދުލުވެރިވާންޖެހެއެވެ.

އިންސާނާގެ މިނިވަންކަމުގެ އަސާސްތަކާއި، އުޅޭ މުޖްތަމަޢަށާއި ވަޠަނަށް ނިސްބަތްވުމުގެ ބޭނުން ނިގުޅައިގަތުމުން ލިބޭ ފަޤީރުކަމުގެ ވަޅުގަނޑަށް ނުވެއްޓި، އިންސާނާ ސަލާމަތްކޮށްދޭނެ އެއްޗަކީ ޢަދުލުގެ ތިލަފަތެވެ. މުޅި އުއްމަތުގެ މުއްސަނިދި ކަމަކީ ހަމައެކަނި މަދު މުއްސަނދިންތަކެއްގެ އަތްމަތީގައި ދައުރުވާ އެއްޗެއްކަމަށްވުމާއި، މުޖްތަމަޢުގެ މައްޗަށް ބޮޑާވެގަނެ މުޖްތަމަޢްގެ ހައްޤުތައް ނިގުޅައިގަންނަ މަހުޖަނުންގެ ކިބައިން ރައްކާތެރިކޮށްދޭ އެއްޗަކީވެސް ޢަދުލުގެ ތިލަފަތެވެ. “ އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރު ވޭވެ ހުރިޔަނުދިނުމަށްޓަކައެވެ.

ވީމާ ކޮންމެ މީހަކީ ވެސް އިންސާނަކަށް ވީތީ، މި ބިމުގައި ޚަލީފާވެރިކުރައްވާފައިވާ، އަދި މިބިމުގައި ލައްވާފައިވާ މުއްސަނދިކަމާއި މުދާ ބަލަހައްޓަން ހަވާލުކުރައްވާފައިވާ މީހެކެވެ. آمِنُوا بِاللَّـهِ وَرَسُولِهِ وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَالَّذِينَ آمَنُوا مِنكُمْ وَأَنفَقُوا لَهُمْ أَجْرٌ كَبِيرٌ  ”اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خليفة ވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން އީމަންވެ، އަދި ހޭދަކުރިމީހުން ދަންނާށެވެ! އެއުރެންނަށް ބޮޑުވެގެންވާ ދަރުމަހުށްޓެވެ.