އެންމެ ފުރަތަމަ މަޢާފަށް އެދިވަޑައިގަންނަވާށެވެ

ރިޔާސީ އިންތިޚާބު ނިމި، އިންތިޚާބީ ރައީސްއަށް ވެރިކަމާ ޙަވާލުވެވޭނޭ މަގުތައް ކޮށެވި އާރާސްތުވެގެން ދިއުމުން ދެން ފެންނަން ފެށީ އާދަޔާ ޚިލާފް މަންޒަރެކެވެ. އެކި ބޭފުޅުންގެ ބަސްމަގާއި ޢަމަލުތައް ބަދަލުވެގެންދިޔައީ ހައިރާންވާހާ އަވަހަށެވެ. ބަންދުގައި ތިބި ބޭފުޅުން މިނިވަންކުރިއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނާއި، ފުލުހުންގެ ފަރާތުން ދެއްކި ވާހަކަތަކުގެ ބަލާޣާތްތެރިކަމާއެވެ. އެ ވާހަކަތަކުގެ މައްޗަށް ކޯޓުތަކުން ރިޢާޔަތްކުރި ގޮތުގެ ފުރިހަމަކަމާއެވެ. އޭގެ މަސްތަކެއް ކުރިން ދިފާޢީ ވަކީލުންގެ ގޮތުގައި ކޯޓުތަކުގައި ތިބެ އަޅުގަނޑުމެންގެ ތަލިން ކުޅު ހިކެންދެން ހަމަ އެވާހަކަ ދެއްކީމުއެވެ. އެ ވާހަކަ އިވެންޖެހޭ ކަންފަތްތަކަށް އެދުވަހު ހުރީ ރީއަޅާފައެވެ. ވިސްނެންޖެހޭ ސިކުނޑިތައް ހުރީ ތަޅުލެވިފައެވެ.

ހަމައެކަނި ކޯޓުތަކެއް ނޫނެވެ. ސިޔާސީ ބޭފުޅުންނަށްވެސް ބައްލަވާށެވެ. ފަހުން ޖަލުގައި ދުވަސްތައް ހޭދަކުރަންޖެހުނު ބޭފުޅުންނަކީ މިއަދު އަޅުގަނޑުމެންގެ ޤަބޫލުކުރުމުގައި ބަޠަލުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަކީ ޤައުމީ އަބްޠާލެކެވެ. ރައީސް މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ އަލިފާން ފޮއްޓަކަށް ލާނޭ ވާހަކަ ވިދާޅުވީ އެ މަނިއްޕުޅެވެ. އެއީ އެއްވެސް ހަމައަކުން ސިޔާސީ ވާހަކައެއް ނޫނެވެ. އެއީ ޤާނޫނާ ޚިލާފް އިންޒާރެކެވެ. އެކަމަށްޓަކައި ޝަރީފް ރައްޔިތުންގެ ކިބައިންނާއި، ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން މަޢާފަށް އެދިވަޑައިނުގަންނަވާނަންތޯއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދަކީ ވަރަށް ގިނަ ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. އޭގެ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވަރަށް ގާތް ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެ މަޖިލީހުގެ މެންބަރުން މަސައްކަތްކުރަމުން ދަނިކޮށް މެންބަރު އިލްޙާމް އަޙްމަދު ދެއްވީ ވަރުގަދަވެގެންވާ އިންޒާރެކެވެ. އޭގައި ސޮއިކުރާ ކޮންމެ މެންބަރަކު ހޫނު ފެނަށް ލާނޭ ކަމުގެ އިންޒާރެވެ. އެ ދުވަހުން ސަލާމަތްކޮށްދޭށޭ ނުބުނައްޗޭ ވިދާޅުވެ އިންޒާރު ދެއްވިއިރު، ދޫފުޅުގެ ފަރިތަކަމާއި، ބަސްމަގުގެ ސާބިތުކަން ދެކި ޚުދު އަޅުގަނޑުވެސް ރޫރޫ އެޅިއެވެ. ރަންކޮޅާއެވެ. އެވެސް ދުވަހެކެވެ. ނަމަވެސް ރިއަލިޓީއަކީ އެންމެ ފަހުން މެންބަރު އިލްހާމް އަޙްމަދުވެސް ރައްޔިތުންގެ ސަފާ ގުޅިވަޑައިގަތްކަމެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޭރު ފާޅުގައި އެ ދެއްވި އިންޒާރަށް މެންބަރު އިލްހާމް އަޙްމަދު މަޢާފަށް އެދިވަޑައިގަންނަވަން ނުޖެހޭތޯއެވެ.

އަޅުގަނޑުމެންގެ އަޚު، މެންބަރު ރިޔާޒް ރަޝީދުގެ ބަސްމަގު މިހާރު އަދި މާ ތަފާތުވެފައި ބަލާޣާތްތެރިއެވެ. އެމް.ޑީ.ޕީ. ގެ އެންމެ ވަރުގަދަ ސަޕޯޓަރަކަށްވުރެ ރިޔާޒް ރަޝީދުގެ ބަސްފުޅުތައް އެމް.ޑީ.ޕީ. އެވެ. އެހެންނަމަވެސް އެހެރަ ވިދާޅުވެފައިހުރި ބައެއް ބަސްފުޅުތައް އަދިވެސް ހިނދުރީގައި ހަރުލާ އެބަހުއްޓެވެ. މާތްކަލާކޯއެވެ. ރާއްޖޭގެ އެކި ސިޔާސީ ވެރިންނަށް ދެއްވި އިންޒާރުތައް ފުޅާކުރައްވަމުންގޮސް، އިނގިރޭސި ރާނީއާއި، ވިލާތުގެ އިއްތިހާދާއި، އެކުވެރި ދައުލަތްތަކަށް ހަޖޫޖެއްސެވިއިރު އެއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދޫފުޅުން ބޭރުވާ ބަސްތަކެއްކަންވެސް ނުވިސްނަވައެވެ. އެކަމުގެ ސަބަބުން އަޅުގަނޑުމެން ގަންނަންޖެހުނީ ކޮންފަދަ ލަދެއްކަން މެންބަރު ރިޔާޒް ރަޝީދަށް އެނގިވަޑައިގަންނަވާނޭނަމަ ހާދަހާ ރަނގަޅެވެ. އެމަނިކުފާނަށް ވިދާޅުވެވިފައިހުރި ގަދަ ބަސްތަކަށްޓަކައި ޢާންމުކޮށް މަޢާފަށް އެދިވަޑައިނުގެން މިހާރުވެސް އެހުންނަވަނީ ހަމަ ކިރިޔާއެވެ. ރިޔާޒް ރަޝީދު އެކަން ކުރައްވާނޭކަން އަޅުގަނޑަށް ޔަޤީނެވެ.

ލާމަރުކަޒީ ނިޒާމު ފުނޑާލަން ސަރުކާރުން ހުށަހެޅި ބިލު ސުޕޮންސަރކުރީ އަޅުގަނޑުގެ މެންބަރު ސައުދު ޙުސައިންއެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ޤާނޫނުއަސާސީގެ ވަރަށް އަސާސީ ސިފައެކެވެ. ރައްޔިތުން ބާރުވެރިކުރުމުގެ މަޤުސަދު އެކަމުގައި ހިމެނިފައި އޮތް މިންވަރު ޤާނޫނުއަސާސީ ޑްރާފްޓްކުރި މަޖިލީހުގެ ޔަޢުމިއްޔާތައް ބެއްލެވި ބޭފުޅަކަށް ސާފުވެވަޑައިގަންނަވާނެެއެވެ. އެހެންނަމަވެސް އަޅުގަނޑުގެ މެންބަރު އަތްޕުޅަށް ސަރުކާރުން ދިން ކަރުދާސްކޮޅު މަޖިލީހުގެ ތަޅުމުގައި އިއްވީ އޭގައި އޮތީ ކީކޭތޯއާއި، އެއިން ވާނީ ކޮންކަމެއްތޯވެސް ނުވިސްނަވައެވެ. އެ ބިލަށް ވޯޓު ދެއްވީވެސް ވަރަށް ފަރިތަކޮށެވެ. އެދުވަހު އެހެން އެކަން ކުރެއްވީތީ ރައްޔިތުންގެ ކިބައިން އަޅުގަނޑުގެ މެންބަރު މަޢާފަށް އެދިވަޑައިގަންނަވަންޖެހޭނޭކަމަށް ފެނެއެވެ.

މިއީ ދިގުކުރެވިދާނޭ ލިސްޓެކެވެ. އަޅުގަނޑު މި ލިޔެލީ އަޅުގަނޑަށް ފާހަގަވާ ދެތިން ނަމެކެވެ. މެންބަރުން އަމިއްލަފުޅަށް ވިސްނަވާށެވެ. ވިދާޅުވެވިފައިހުރި ގަދަ ބަސްތަކާއި، ކުރެއްވިފައިހުރި ކަންކަން އަމިއްލަފުޅަށް ދިރާސާ ކުރައްވާށެވެ. ސިޔާސަތު އެކަށައަޅަނީ ރައްޔިތުންނަށްޓަކައެވެ. ސިޔާސީ މީހުންނަކީ ރައްޔިތުންނަށްޓަކައި އެކަމަށް އިސްނަގާ މީހުންނެވެ. ރައްޔިތުންގެ ރުހުމާއި ތާއީދު ލިބިގެން މެނުވީ ސިޔާސީ ކުޅިބައިގައި ދެނެއް ހިފަހައްޓައެއް ނުލެވޭނެއެވެ. ރައްޔިތުންނަށްޓަކައި މަސައްކަތްކުރަންވަން އެދޭނަމަ ފުރަތަމަ ރައްޔިތުންގެ ހިތްހަލާލު ހޯއްދަވާށެވެ.

| މަސްދަރު: މަޙްފޫޒު ބުލޮގް – 29 އޮކްޓޯބަރު 2018