ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރަން ކުރެވިދާނޭ ދެތިން ކަމެއް!

ޝައްކެއްވެސްނެތި އެއްބަސްވާންޖެހޭ ޙަޤީޤަތަކީ ރާއްޖޭގެ ޖުޑީޝަރީއަށް ޢާންމު ރައްޔިތުންގެ އިތުބާރު ނެތްކަމެވެ. އެކަން އެހެން މެދުވެރިވީ ވަރަށް ގިނަ ސަބަބުތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ވިސްނުމާއި، ވަސީލަތްތައް ތަރައްޤީވެފައިވާ މި ޒަމާނުގައި ޙައްލުނުކުރެވޭނޭ މައްސަލައެއް ނޯންނާނެއެވެ. ބޭނުންވާނީ ޙައްލުކުރުމުގެ ތެދުވެރި ނިޔަތެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަރީ އިސްލާޙްކުރުމަށްޓަކައި ޖުޑީޝަރީގައި ނަންހިނގާ ހުރިހާ ފަނޑިޔާރުން އެކަހެރިކޮށް ބޭރުކޮށްލުމަކީ ކޮންމެހެން މުހިންމުކަމެއް ނޫނެވެ. އަޅުގަނޑުވެސް ވަރަށް ހިތްހަމަނުޖެހޭ ކަންކަން ކޮށްފައިތިބި ފަނޑިޔާރުން އެތަނުގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ވަރަށް ޢިލްމީ، ރަނގަޅު، ތަޖުރިބާ ހުރި ހަރުދަނާ ބޭފުޅުންވެސް ހިމެނެއެވެ. އެހެންނަމަވެސް އެ ހިނގައިދިޔަ ކަންކަން އެގޮތަށް ހިނގައިިދިޔައީ ޚުދުމުޚުތާރު ސަރުކާރެއްގެ މުށުތެރޭގައި އެދުވަހު ތިބެންޖެހުނީމާ ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ބޭފުޅުން އަދާކުރަންޖެހޭ ވާޖިބަށްވުރެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރެއްވުނީކަމަށްވެސް ބުނެވިދާނެއެވެ. ނިމިދިޔަ ސަރުކާރުން ބޭނުންވާ ބައެއްކަންކަން، ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ފަނޑިޔާރުން ލައްވައި ކުރުވިއެވެ. އޭގެ ބަދަލެއްގެ ގޮތުން އެ ފަނޑިޔާރުންނަށް ދިނީ އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅާނޭކަމުގެ ކަށަވަރުކަމެވެ. އެއްވެސް ފަރާތަކުން ފަނޑިޔާރުންނާމެދު ހުށަހަޅާ ހަމަ އެއްވެސް މައްސަލައެއް ނުބެލުމުމުގެ ކަށަވަރުކަމެވެ. ނަތީޖާއަކީ ފަނޑިޔާރުގޭގެ ކަންކަން ބޮއްސުންލައި، މުޅި ޢަދުލުއިންސާފުގެ ދާއިރާ ފާލުން ނެއްޓުމެވެ.

ޖުޑީޝަރީގެ މުސްތަޤިއްލުކަމާމެދު ޤާނޫނުއަސާސީއާއި، ޤާނޫނުތަކުގައި މިހާރުވެސް އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރެއިން އެއް ކަމަކީ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބަލާނޭ ކޮމިޝަނެއް އޮތުމެވެ. އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަންއެވެ. ފަނޑިޔާރުގެ އިސްލާޙްކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަޅުގަނޑަށް ފެންނަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާޙްކުރުމެވެ. އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް މިހާރު އެކަށައަޅާފައިވާ އިންތިޒާމުތައް ބަދަލުވާންޖެހެއެވެ. ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅުން ނެތް ފަރާތަކަށްވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް ފޯމު އިސްލާޙްވާންޖެހެއެވެ. ޝަކުވާއާ ގުޅޭ ‘ކިތާބީހެކި’ ޝަކުވާ ހުށަހަޅާ ވަގުތު ނެތްކަމުގައިވީނަމަވެސް އެ ޝަކުވާއަކާ ގުޅޭ ހެކި ގެނައުމަށް ޝަކުވާ ހުށަހެޅި ފަރާތަށް ފުރުސަތު ލިބެންޖެހެއެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާ ފަރާތް ހާމަނުކުރާގޮތަށްވެސް މައްސަލަ ހުށަހެޅޭނޭ އިންތިޒާމު ހަމަޖެހިފައި އޮންނަންޖެހެއެވެ.

ދެވަނަ ކަމެއްގެ ގޮތުން، އެ ކޮމިޝަނަށް ފަނޑިޔާރެއްގެ ޝަކުވާއެއް ލިބުމުން، އެ ފަނޑިޔާރަކަށް އެކަން ލިޔުމުން އަންގާ ގޮތަށް އިންތިޒާމު ހަމަޖެއްސިދާނެއެވެ. އެ ލިޔުމުގައި އޮންނާނީ، ތިޔަ ފަނޑިޔާރާ ގުޅޭ މި ބާވަތުގެ ޝަކުވާއެއް މި ކޮމިޝަނަށް ލިބިއްޖެކަމާއި، މި ކޮމިޝަނުން އެ މައްސަލައިގެ ތަޙުޤީޤު ހިންގަމުން އެބަ ގެންދާކަމުގައެވެ.

ފަނޑިޔާރަކާމެދު ހުށަހެޅޭ ކޮންމެ ޝަކުވާއެއް ޙަޤީޤަތަކަށް ނުވެދާނެއެވެ. އެހެންކަމުން، އެ ހުރިހާ ޝަކުވާތަކުގެ މަޢުލޫމާތު ކޮމިޝަނުން ޢާންމެއް ނުކުރާނެއެވެ. އެ މަޢުލޫމާތު ޢާންމުކުރުމަކީ އެ ފަނޑިޔާރަކާމެދު މުޖުތަމަޢުގައި އިތުބާރު ގެއްލި، ފަނޑިޔާރުގެ މަސައްކަތަށް އެޅޭ ހުރަހަކަށް ވެދާނެއެވެ. އޭގެ ބަދަލުގައި ޝަކުވާ ހުށަހެޅިއްޖެކަމާއި، މައްސަލަ ތަޙުޤީޤުކުރަމުންދާކަމުގެ މަޢުލޫމާތު ސީދާ އެ ފަނޑިޔާރަކަށް ލިޔުމުން ފޮނުވަންވާނެއެވެ. އޭގެ ބޭނުމަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކަކީ ބެލޭނޭ މައްސަލަތަކެއް ކަމުގެ ޔަޤީންކަން ފަނޑިޔާރުންނަށް ދިނުމެވެ. ފަނޑިޔާރުން ތިބޭނީ ލަގަން ނެތި ދޫކޮށްލެވިފައި ނޫންކަމާއި، އެ މީހުން ކުރާ ކަންކަންވެސް ބަލާނޭ މުއައްސާސާއެއް އޮތްކަމުގެ އިޙުސާސްކޮށްދިނުމެވެ.

ތިންވަނަ ކަމަކީ ޝަރީޢަތުގެ މަޖިލިސްތައް ޢާންމުންނަށް ހުޅުވާލުމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 143 ވަނަ މާއްދާ މިހާރަށްވުރެ ބޮޑަށް ތަފްސީލުވާންވީއެވެ. ޝަރީޢަތް ކުރުމަކީ ހުރިހާ އެންމެންނަށް ފެންނަ ގޮތަށް ހިންގާ ކަމެކެވެ. ބައެއް ސަބަބުތަކަށްޓަކައި ސިއްރުކުރަންޖެހޭ މައްސަލަތަކެއް ހުރެދާނެއެވެ. އެ ސަބަބުތައް އެވަނީ ޤާނޫނުއަސާސީއާ ޤާނޫނުގައި ތަފްސީލުކޮށްދީފައެވެ. އެ ނޫން ހުރިހާ މައްސަލަތަކެއް ހިންގަންވާނީ ހުޅުވާލެވިގެންނެވެ. ހުޅުވާލެވިގެން ޝަރީޢަތް ހިންގުމުގެ ގޮތުން ދެތިން ކަމެެއް އިންތިޒާމު ކުރެވެން ޖެހެއެވެ. ޝަރީޢަތް ހިނގަމުން ދަނިކޮށްވެސް ޝަރީޢަތް އަޑުއެހުމަށް ވަންނަން އެެއްވެސް ފަރާތަކުން އެދިއްޖެނަމަ އެ އިންތިޒާމު ހަމަޖެހެންވާނެއެެވެ. ޝަރީޢަތަށް ކުރަންޖެހޭ އިޙުތިރާމް އަދާކުރުމާއެކު އެމީހަކަށް ޝަރީޢަތުގެ އަޑުއެހުމަށް ވަދެވެން ވާނެއެވެ. ހަމަ އެގޮތަށް ޝަރީޢަތް ހިނގަމުންދަނިކޮށް، އެ މަޖިލިސް ދޫކޮށް ދާން އެދޭ މީހާއަށްވެސް އެ ފުރުސަތު އޮންނަންވާނެެއެވެ. އޭނާ ޝަރީޢަތުން ނުކުންނާނީ އަދަބުވެރިކަމާއެކު، މައްސަލަ ބައްލަވާ ފަނޑިޔާރަށް އިޝާރާތްކުރުމަށްފަހުގައެވެ. މިކަން އިޖުރާއަތު ޤާނޫނުތަކުގައި ބަޔާންކޮށް، މި އިސްލާޙް ގެނެވިދާނެއެވެ.

މި ދެންނެވުނު ގޮތަށް ކަންކަން ހަމަޖެއްސުމުގެ ބޭނުމަކީ ޝަރީޢަތުގެ މަޖިލީހާއި، ޝަރީޢަތްކުރާ ފަނޑިޔާރުންނާއި، އެތަނުގައި ހިނގާ އެންމެހައި އިޖުރާއަތުތަކަކީ ރައްޔިތުންގެ ފަރާތުން ކުރެވޭ ކަމެއްކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ދިނުމެވެ. އެއާއެކު، ޝަރީޢަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ. މިހާރު އިންތިޒާމުތައް ހަމަޖެހިފައި އޮންނަގޮތުން، ވަރަށް ގިނަފަހަރު، ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކަށްވެސް ޖާގަ ނެތްކަމަށްބުނެ މީހުން ނުވައްދާކަން ފާހަގަކުރެވެއެވެ. އެގޮތަށް ޖާގަ ނެތްކަމަށް ބުނެ މީހުން ނުވައްދާ ބާއްވާ އަޑުއެހުންތަކުގައި ޝަރީޢަތް ބާއްވާ ކޮޓަރިތަކުގައި ޙަޤީޤަތުގައި ޖާގަވެސް ހުރެއެވެ. ހަމަ ނުވައްދަނީއެވެ.

މިއީ ޖުޑީޝަރީއާމެދު ގެއްލިފައި އިތުބާރު ހޯދައި، ރަނގަޅު ޖުޑީޝަރީއެއް ބިނާކުރުމަށް މިހިނދުން މިހިނދަށްވެސް އެޅިދާނޭ ފިޔަވަޅުތަކެކެވެ. މަތީގައި މި ދެންނެވި ކަންކަން އެގޮތަށް ހަމަޖެހުމުންވެސް ލައްކަތަނުން ކަންކަން އިސްލާޙްވާނެއެވެ. މިގޮތަށް ޢަމަލުކުރުމުން ބަދަލުވެގެންދަނީ ކަންކުރަން ތިބި މީހުންނެއް ނޫނެވެ. ޢަމަލުކުރާ ސިޔާސަތުތަކެވެ. ރައްޔިތުން ބޭނުންވަނީ ޢަދުލުއިންސާފެވެ. އިންސާފު ޤާއިމުކުރެވޭކަމުގެ ކަށަވަރުކަމެވެ.

| މަޙްފޫޒް ބްލޮގް.ކޮމް