މިކިޓަރަޔަން ވިއްކާލުމަށްފަހު މާރިއޯ ގެންނަން ޔުނައިޓެޑް އޮތީ ތައްޔާރަށް

އާރްމީނިއާގެ ހެންރިކް މިކިޓަރްޔަން ބޮރޫޝިޔާ ޑޯޓްމަންޑް ދޫކޮށް މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވިއިރު ގިނަ ބަޔަކު ތިބީ އޭނާ މެންޗެސްޓާރ ޔުނައިޓެޑުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކޮށްގެންނެވެ.

އެހެންނަމަވެސް މަދު ސީޒަންތަކަކަށްފަހު މަންޒަރު މިވަނީ މުޅިން ބަދަލުވެފައެވެ. މިކިޓަރަޔަންއަކީ މިހާރު މެންޗެސްޓާރ ޔުނައިޓެޑުގައި ހުރި ހަމައެކަނި ބޭކާރު އެއް ކުޅުންތެރިޔާއަށް ވަނީ ވެފައެވެ. ހުނަރުވެރި ކުޅުންތެރިޔެއްކަމުގައި މިކިޓަރަޔަންވިޔަސް އޭނާއަށް މެންޗެސްޓަރގައި އިތުރު ކުރިމަގެއް ނެތްކަމަށް ވަނީ ފެންނަން ފަށައިފައެވެ.

މިކިޓަރަޔަންއަށް ޔުނައިޓެޑުގައި ލިބޭ ފުރުސަތު ދުވަހަކަށްވުރެ ދުވަހެއް މަދު ވަމުންދާއިރު މިހާރު މިކިޓަރަޔަން ހުރީ އިންޓަރ މިލާނަށް ބަދަލުވުމަށް ތައްޔާރަށްކަމަށް ބައެއް ކުޅިވަރު ރިޕޯޓްތަކުގައި ވަނީ ހާމަކޮށްފައެވެ.

އަދި މިކިޓަރަޔަން އަމިއްލައަށް މިފަދަ ބަދަލަކަށް އެދޭކަމަށްވެސް އެ ރިޕޯޓްތަކުން ބުނާއިރު މެންޗެސްޓަރ ޔުނައިޓެޑުން އޮތީ އޭނާގެ ބަދަލުގައި އިންޓަރއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޖޯއާއޯ މާރިއޯ ގެނައުމަށް ވަރަށްބޮޑަށް ބޭނުންވެފައެވެ. އެހެންނަމަވެސް އިންޓަރއިން އެފަދަ އެއްބަސްވުމަކަށް އާނ ބަސް ބުނެފާނެތޯ އެއީ މިވަގުތު އުފެދޭ ސުވާލެކެވެ.