އިމްރާންގެ ޝަރަފުގެ މެޗަށް ރައީސް ސޯލިހު ގަލޮޅު ދަނޑަށް!

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ގޯލުކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ކުޅޭ ހާއްސަ މެޗަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަނޑަށް ވަޑައިގަންނަވާނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އިމްރާންގެ ޝަރަފްވެރި ކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި ގަލޮޅު ފުޓްބޯޅަ ދަނޑުގައެވެ. އެ މެޗުގައި ވާދަ ކުރާނީ އިމްރާން ވެސް ހިމެނޭ ގޮތަށް އޭނާ އެކުލަވާލާފައިވާ ކުޅުންތެރިންގެ ޓީމާއި އެފްއޭއެމްގެ ޓީމާ ދެމެދުގައެވެ.

އެފްއޭއެމްގެ ޓީމުގައި އެހާރާއި މިހާރުގެ ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމުގައިވާ ޑެންމާކުގެ ޕީޓާ ޝުމައިކަލް ވެސް

މިރޭ ކުޅޭ މެޗާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ، ރައީސް ސޯލިހު މިރޭގެ މެޗަށް ވަޑައިގަންނަވާނެ ކަމުގެ ކަށަވަރުކަން ދެއްވާފައިވާ ކަމަށެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ފެށީ، 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ގައުމީ ޓީމަށް 111 މެޗް އިމްރާން ކުޅެފައިވާއިރު، ގައުމީ ޓީމު ހަތަރު މުބާރާތެއްގެ ފައިނަލަށް ގެންގޮސް ދިނުމުގައި އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައިދިން ފަހަރާއި އޭއެފްސީ ޗެލެންޖު ކަޕްގެ ތިން ވަނަ މަގާމު ހޯދި ޓީމުގައި އިމްރާން އަދާކުރި މުހިއްމު ދައުރެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ހުއްޓާލީ އޭޝިއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށްފަހު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.