ޕޯލް ސްކޯލްސް، އޭނާ ކުޑައިރު ސަޕޯޓްކުރި ކުލަބުގެ މެނޭޖަރަކަށް!

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ސެންޓްރަލް މިޑްފީލްޑަރު ޕޯލް ސްކޯލްސް، އޭނާ ކުޑައިރު ސަޕޯޓްކުުރި ކުލަބުގެ މެނޭޖަރު ކަމާ ހަވާލުވެއްޖެއެވެ.

ދެވަނަ ލީގުގެ ކުލަބެއް ކަމަށްވާ އޯލްޑްހެމް އެތްލެޓިކްއާ، އިންގުލޭންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފިލްޑަރު ހަވާލުވީ އެއް އަހަރާއި ހަ މަސް ދުވަހުގެ ކޮންޓުރެކްޓެއްގެ ދަށުންނެވެ.

އަދި އޭނާ އެކުލަބާ ހަވާލުވިކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

”ޕޯލް ވަނީ ފުޓްބޯޅައިގާ ކާމިޔާބު ކުރަންޖެހޭ ހުރިހާ އެއްޗެއް ކާމިޔާބު ކޮށްފައި. އަދި އޭނާއަކީ ފުޓްބޯޅައިގެ އެތައް ހުނަރެއް ގެނެސްދޭނެ މީހެއް. ޕޯލް އަށް އަހަރެންގެ 100 ޕަސެންޓް ބެކިން ދޭނަން. އަދި އެކުގައި މަސައްކަތް ކޮށްގެން ކުލަބަށް ކާމިޔާބީ ހޯދޭނެ ކަމަށް އުއްމީދުކުރަން،“  އޯލްޑްހެމްގެ އޯނަރު އަބްދުﷲ ލެމްސަގަމް ވިދާޅުވެފައިވެއެވެ.

މިއީ އުމުރުން 44 އަހަރުގެ ސްކޯލްސް މެނޭޖްމަންޓުގެ ރޯލަކާ ހަވާލުވި ފުރަތަމަ ފަހަރެވެ. އަދި ސްކޯލްސްގެ އެސިސްޓަންޓެއްގެ ގޮތުގައި ހުންނާނީ އޯލްޑްހެމްގެ ކުރީގެ ކޯޗު މިކް ޕްރީސްޓެވެ.

އޯލްޑްހެމް އެތްލެޓިކްގެ މެނޭޖަރުކަމާ ސްކޯލްސް ހަވާލުވިއިރު، ސަލްފޯޑް ސިޓީގެ ޑިރެކްޓަރުގެ މަގާމުން އޭނާ ވަނީ އިސްތިއުފާ ދީފައެވެ. ނަމަވެސް އެކުލަބުން އޭނާއަށް ދޭން އެއްބަސްވެފައިވާ 10 ޕަސެންޓްގެ ހިއްސާ ކަނޑާލާފައެއް ނުވެއެވެ.