ހަރަދު ކުޑަކުރުމަށް އުރީދޫން ފަށާ ”ހަނގުރާމަ“ ނައިބް ރައީސް އިފްތިތާހްކޮށްދެއްވައިފި

ހަރަދު ކުޑަކުރުމަށް ”ވޯ އޮން ވޭސްޓް“ގެ ނަމުގައި އުރީދޫ މޯލްޑިވްސް އިން ހިންގާ ތިމާވެށިގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީބު މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިން އިފްތިތާހް ކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވަނީ ރާއްޖޭގެ އިޖްތިމާއީ ދާއިރާގައި އުރީދޫ މޯލްޑިވްސްގެ ހިއްސާ ފާހަގަކުރައްވައިފައެވެ.

ހާއްސަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ހިންގަމުންދާ ހަރަކާތްތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވާ ނައިބް ރައީސް ވަނީ، ރާއްޖޭގެ އިޖްތިމާއީ ކުރިއެރުމަށް އެކުންފުނިން ކޮށްދެމުން ގެންދާ ގިނަގުނަ ހިދުމަތްތަކަށްޓަކާ ޝުކުރު އަދާކުރައްވައިފައެވެ.

އުރީދޫއިން ބުނީ، ހަރަދު ކުޑަކުރާނެ ގޮތްތަކެއް ހޯދަން ފެށި ”ވޯރ އޮން ވޭސްޓް“ ޕްރޮޖެކްޓަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން ފެނާއި، ކަރަންޓާއި، އަދި އޮފީސް އެކި ބޭނުމަށް ބޭނުންކުރާ ކަރުދާހުގެ ހަރަދު ކުޑަކޮށް ޑިޖިޓަލައިޒް ކަރުދާސް ބޭނުންކުރެވޭނެ ގޮތް ހޯދުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ނައިބް ރައީސް އުރީދޫ މޯލްޑިވްސްގެ އޮފީހަށް ކުރެއްވި ޒިޔާރަތުގައި، އެ އޮފީހުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ އެ ކުންފުނީޣެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސް ބައްލަވާލެއްވިއެވެ.