ފަހު ކުއާޓާރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ!

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫ މޯލްޑިވްސް އިން ނެރުނު މިދިޔަ އަހަރުގެ ފަހު ކުއާޓަރު (އޮކްޓޯބަރުން ޑިސެމްބަރަށް)ގެ މާލީ ރިޕޯޓްގައި ބުނާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 481 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަދި ހަރަދުތަކާއި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ 138 މިލިއަން ރުފިޔާކަމަށް ބުނެފައިވެއެވެ. މިއީ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 115 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28 ޕަސެންޓްގެ އިތުރުވުމެކެވެ.

އަދި އެއީ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާއާ އަޅާބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި މީގެ 14 އަހަރު ކުރިން، 2005 ވަނަ އަހަރު އިންވެސްޓްކުރި ގަތަރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫ މޯލްޑިވްސްއިން މިދިޔަ އަހަރު ވަނީ މުޅިން އާ ޑިޖިޓަލް ހިދުމަތްތަކެއް ވެސް ރާއްޖެއަށް ތައާރަފުކޮށްފައެވެ.

އޭގެ ތެރޭގައި ޑިޖިޓަލް ރިސޯޓްސް، އެމަޒަން ޕްރައިމް ވީޑިއޯސްގެ އިތުރުން ޓޫރިސްޓް ސިމް ޕެކޭޖްތައް ތައާރަފްކުރުން ހިމެނެއެވެ.

އޭގެ އިތުރުން އުރީދޫއިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ، ރާއްޖޭގައި 5ޖީ ނެޓްވޯކް އާއި ވޮއިސް އޯވާ އެލްޓީއީ ނެޓްވޯކް ޓެސްޓުކޮށްފައެވެ. އަދި އިތުރު 11 ރަށަކަށް އެ ކުންފުނީގެ ސުޕަނެޓް ހިދުމަތް ވަނީ ފުޅާކޮށްފައެވެ.