އެމްއެޗް370 ހޯދައިފިނަމަ، 70 މިލިއަން ޑޮލަރު ދޭގޮތަށް އެއްބަސްވެއްޖެ

ވީނުވީއެއް ނޭނގި 2014ވަނަ އަހަރު ގެއްލިފައިވާ މެލޭޝިއަން އެއަރލައިންސްގެ އެމްއެޗް370 މަތިންދާ ބޯޓު ހޯދައިފިނަމަ،70 މިލިއަން އެމެރިކާ ޑޮލަރު ދޭގޮތަށް  ”އޯޝަން އިންފިނިޓީ“ އާއެކު މެލޭޝިޔާ ސަރުކާރުން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ކުންފުންޏެއްކަމުގައިވާ ”އޯޝަން އިންފިނިޓީ“ އަކީ އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް ބިޑްކުރި 3 ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ.

އެމެރިކާ ކުންފުންޏާއެކު މެލޭޝިޔާ ސަރުކާރުން އެއްބަސްވުމަކަށް މިއައީ، ގިނަދުވަސްތަކެއްވަންދެން ކުރެވުނު މަޝްވަރާތަކަކަށް ފަހުގައެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު އެކަށައެޅި އެއްބަސްވުމުގައިވަނީ، އެމްއެޗް370 މަތިންދާ ބޯޓު ނުފެނިއްޖެނަމަ އަގު ނުލިބޭ ގޮތަށެވެ. ނަމަވެސް ބޯޓު ފެނިއްޖެނަމަ 70 މިލިއަން ޑޮލަރުގެ އަގެއް ދޭގޮތަށް އެއްބަސްވުމުގައި ވެއެވެ.

އެމެރިކާގެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޮއޯވް ޓިއޮންގް ލާއި ވިދާޅުވީ، ގެއްލިފައިވާ ބޯޓު ހޯދުމަކީ މެލޭޝިޔާއިން ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

ބޯޓު ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް އެމެރިކާ ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރުމުން، ގެއްލިފައިވާ މަތިންދާ ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކުންވަނީ އެކަމަށް ވަރަށް ހޫނު މަރްހަބާއެއް ކިޔާފައެވެ.

”އޯޝަން އިންފިނިޓީ“ އިން ބޯޓު ހޯދުމަށް ކަނޑައަޅާފައިވަނީ 90 ދުވަހުގެ މުއްދަތެކެވެ. އެގޮތުން، އިންޑިއާ ކަނޑުގެ 25،000 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާއިރު، ކުރީގެ ޓީމުތަކުން ހޯދި ސަރަހައްދުގެ ބަދަލުގައި އެމެރިކާގެ ކުންފުނިން ބޮޑަށް ބަލާނީ އިންޑިއާ ކަނޑުގެ ހުޅަނގުގެ ސަރަހައްދުތައް ކަމަށް ޚަބަރުތައް ބުނެއެވެ.

އެމްއެޗް370 ހޯދުމުގެ މަސައްކަތް އެމެރިކާގެ ކުންފުނިން މިހާރު ފަށާފައިވާއިރު ، އެކުންފުނިން  ވަނީ މަސައްކަތް ފެށުމަށްޓަކައި  ނޯވޭގެ މިފަދަ ހޯދުންތަކުގައި ބޭނުންކުރާ ޚާއްސަ އުޅަނދު ”ސީބެޑް ކޮންސްޓްރަކްޓަރ“ އިންޑިއާ ކަނޑަށް ފުރުވާލާފައެވެ.

މިބޯޓަކީ، ކަނޑުގެ ސަތަހަ ބަލައި ފާސްކުރުމަށްޓަކައި ކަނޑުއަޑީގައި ދުއްވާ ކުދިކުދި ޑްރޯންސް ފުރުވާލެވޭގޮތަށް އުފައްދާފައިވާ ޚާއްސަ އުޅަނދެކެވެ. މި ޑްރޯންތަކަކީ 6،000 މީޓަރު އަޑިއަށް ފީނުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެކެވެ.

މެލޭޝިއަން އެއަރލައިންސްގެ އެމްއެޗް370 މަތިންދާ ބޯޓު ގެއްލުނު ހާދިސާއަކީ ވައިގެ ދަތުރުފަތުރުގެ ތާރީޚްގައި މިހާތަނަށް ދުނިޔޭގައި ހިނގާފައިވާ އެންމެބޮޑު ގޮތްނޭނގޭ ހާދިސާގައެވެ.