އިންޑިއާގައި ގެރިއެއް މަރާލި ކަމުގެ ތުހުމަތުގައި ދެ މީހަކު މަރާލައިފި

ގެރިއެއް ކަތިލި ކަމުގެ ތުހުމަތުގައި އިންޑިއާގެ އުތުރުގައި ހިންގި ވަރުގަދަ މުޒާހަރާތަކެއްގައި ދެ މީހަކު މަރާލައިފިއެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ މުލަންދްޝާހް ނަމަކަށް ކިޔާ ޑިސްޓްރިކްޓެއްގައި އެ ހާދިސާ ހިނގަން މެދުވެރިވީ ދަނޑުވެރިކަން ކުރާ ދަނޑަކުން ގެރިއަކާއެކު އިތުރު ޖަނަވާރު ތަކެއް ބައިތަކެއް ފެނުނު ވާހަކައަކާ ގުޅިގެންނެވެ.

އިންސްޕެކްޓާ ސުބޮދް ކުމާރު ސިންގް ވިދާޅުވި ގޮތުގައި، އެ ވާހަކަތަކާ ގުޅިގެން ގާތްގަނޑަކަށް 400 މީހުން އެއްވެ ކުރި މުޒާހަަރާގައި 20 އަހަރުގެ ފިރިހެނަކާއި ފުލުސް އޮފިސަރަކު މަރާލާފައިވާ ކަމަށެވެ.

ޑިސްޓްރިކްޓުގެ މެޖިސްޓްރޭޓް އަނުޖް ކިމާރު ޖާ ރޮއިޓާސް އަށް ވިދާޅުވެފައިވަނީ، އޮފިސަރު މަރުވީ އޭނާގެ ގަޔަށް މުޒާހަރާގެ ބައިވެރިން ބަޑިޖެހުމުން ކަމަށެވެ.

”އަވަށު މީހުންނަށް މަރުވެފަ އޮތް ގެރިއެއް ފެނުމުން، ނުކުތީ މަގުމައްޗަށް. އެމީހުން ޓްރެކްޓަރަކުން މަގު ބަންދުކޮށް ގަލުން ހަމަލާދޭންފެށި. އަދި ބައެއް މީހުން ބަޑިޖެހުމުން އެ އެއްވުން ރޫޅާލަން ފުލުހުންގެ ޓީމެއް ފޮނުވިން“ ސީނިއާ ޕޮލިސް އޮފސަރު އަނަންދު ކުމާރު ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ނިއުސް ޗެނަލެއް ކަމަށްވާ އެންޑީޓީވީ އިން ރިޕޯޓްކުރާ ގޮތުގައި، މުޒާހަރާތައް ފެށުނީ މަރާލާފައިވާ 25 ގެރިއެއްގެ ބައިތަކެއް ފެނުމުން އެކަމުގެ ރުޅީގައެވެ.

އިންޑިއާގައި އޮންނަ ހިންދޫ މެޖޯރިޓީއަށް ގެރިއަކީ މާތް ޖަނަވާރެކެވެ. އަދި އެ ޖަނަވާރު ކަތިލުމަކީ ވެސް އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި މަނާކަމެކެވެ. އެގޮތުން، އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގައި ގެރިތައް ހިމާޔަތްކުރަން ބައެއް ހިންދޫ ގުރޫޕުތައް ހަރަކާތްތެރިވެއެވެ.

ޑޭޓާ ޕޯޓަލް އެއް ކަމަށްވާ އިންޑިއާސްޕެންޑުން ބުނާ ގޮތުގައި، 2014 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ އިން އެގައުމުގެ ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް ގެރިއާ ގުޅުންހުރި މައްސަލާގައި 39 މީހަކު ވަނީ މަރާލައިފައެވެ.