ޔޫޓިއުބްގައި މަޝްހޫރު އިންޑިއާގެ ”ޝެފް“ މާމަ މަރުވެއްޖެ

އޭނާގެ ކެއްކުންތަކުން އެތައް ބަޔަކު ކުޅުދިޔާ ކޮށްލި އިންޑިއާގެ ”ޗެފް“ މާމަ އުމުރުން 107 އަހަރުގައި މަރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މުސްކުޅި ޔޫޓިއުބާގެ ގޮތުގައި ފާހަގަކުރިވިފައިވާ މަސްތާނައްމާ ކިޔާ އެ މާމަ މަރުވީ، އިންޑިއާގެ އިރުދެކުނުގައި އޮންނަ އަންދަ ޕްރަދޭޝްގެ ގުންތަރ ޑިސްޓުރިކްޓުގައި ހުންނަ އޭނާ އުފަން އަވަށުގައި އިއްޔެގެ ވަގުތެއްގައެވެ. ހަބަރުތައް ބުނާގޮތުން، މަސްތާނައްމާ މަރުވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް ހަ މަސް ފަހުންނެވެ.

މަސްތާނައްމާ ގިނަ ބައެއްގެ ސަމާލުކަމަށް އައީ، އިންޑިއާގެ ކެއުންތަކާއި ތަފާތު ކެއުންތައް ދަރު އަންދައިގެން ކައްކާ ތައްޔާރުކުރާ ވީޑިއޯތަކެއް ޔޫޓިއުބް ޗެނަލެއް ކަމަށްވާ ”ކަންޓްރީ ފުޑްސް“ އަށް އަޕްލޯޑް ކުރުމުންނެވެ.

އެގޮތުން އޭނާގެ މާމަ ދަރިއަކާއި ރަހްމަތްތެރިއަކު 2016 ލޯންޗުކުރި މަސްތާނައްމާގެ ޗެނަލްގައި 100 އަށްވުރެ ކައްކާ ވީޑިއޯ އަޕްލޯޑް ކޮށްފައިވާއިރު، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ޗެނަލް އެއް މިލިއަނަށްވުރެ ގިނަ މީހުން ސަބްސުކްރައިބްސް ކޮށްފައިވެއެވެ.

ކައްކާ އުދުނުގެ ބަދަލުގައި ދަރު އަންދައިގެން ކައްކަން ބޭނުންކުރާ މަދު ތަކެއްޗާއި ކަޓްލަރީ ބޭނުންކޮށްގެން މަސްތާނައްމާ ތައްޔާރުކޮށް އަޕްލޯޑް ކޮށްފައިވާ ބައެއް ކެއުންތަކަކީ، މީގެ ކުރިން ދުވަހަކުވެސް ބަޔަކު ހަދާފައިނުވާ ތަފާތު ކެއުންތަކެވެ. އެގޮތުން އެންމެ ހިޓް ވެގެން ދިޔަ އެއް ކެއުމަކީ މަސްތާނައްމާގެ ހާއްސަ ވޯޓާމެލަން ޗިކެންއެވެ.

ހިތްދަތި ދިރިއުޅެއް އުޅެފައިވާ މަސްތާނައްމާގެ ފިރިމީހާ ވަނީ އޭނާގެ އުމުރުން 22 އަހަރުގައި މަރުވެފައެވެ. އަދި އޭނާއަށް ލިބުނު ފަސް ކުދިންގެ ތެރެއިން ހަތަރު ކުދިން ކޮލެރާ ޖެހިގެން ވަނީ މަރުވެފައެވެ.