ބަކައްޓެއް ރޭޕްކުރި މީހަކު، އޭތި ރޭޕްކުރީ ހުއްދަ ހޯދައިގެން ކަމަށް ބުނެފި

ކޮންމެ ދުވަހަކު ވެސް ރޭޕްގެ ޝިކާރައަކަށް ވެފައިވާ އެތައް ބައެއްގެ ވާހަކަތައް އަޅުގަނޑުމެން އަޑުއަހަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި ކުޑަ އަންހެން ކުދިންގެ އިތުރުން ފިރިހެނުންވެސް ރޭޕްގެ ބިރުވެރިކަން އިހުސާސް ކުރަންޖެހޭ މިންވަރު އިތުރުވެ.

އެކި އުމުރުގެ އިންސާނުންގެ އިތުރުން މިއަދު މި ދުނިޔޭގައި ޖަނަވާރުންނަކީ ވެސް ރޭޕްގެ ޝިކާރައަކަށްވެފައިވާ އެއްޗިއްސެވެ.

އެގޮތުން އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީގައި ވެސް ދާދި ފަހުން ވަނީ ފިރިހެނަކު ބަކައްޓެއް ރޭޕްކޮށްފައެވެ. ނަމަވެސް މި ހާދިސާގެ ހައްޔަރުކުރި މީހާ ބުނާ ގޮތުން، އޭނާ އެ ބަކަރި ރޭޕްކުރީ އޭގެ ހުއްދަ ހޯދައިގެންނެވެ.

ބަކަރި ރޭޕްކުރި އުމުރުން 21 އަހަރުގެ ކެނެޑީ ކަންބަނީ އަތުލައިގަތީ، ބަކައްޓެއް ވަގަށް ގެންދަން މީހަކު އުޅޭކަމަށް ބުނެ ކަންބަޅިތަކުގެ ވެރިމީހާއަށް ލިބުނު މައުލޫމާތަކަށް ގޮސް ބެލިއިރު، ބަކައްޓާއެކު ކުށް ކުރަނިކޮށެވެ.

ޕޮލިސް އިންސްޕެކްޓަރ ލުބްރިނޯ ކައިޓަނޯ ވިދާޅުވި ގޮތުގައި، ބަކަރިތައް ގެންގުޅޭ މީހާ ފުރަތަމަ ހީކުރީ ރޭޕްގެ ކުށް ހިންގި މީހާއަކީ އޭނާގެ ބަކައްޓެއް ވަގަށް ނަގަން އުޅުނު މީހެއް ކަމަށެވެ. އެހެންކަމުން އޭނާ އަތުލައިގަންނަން ދިޔައީ ރައްޔިތު މީހުން ވެސް ގޮވައިގެން ކަމަށް ވިދާޅުވިއެވެ.

އެގޮތުން އޭނާ ހައްޔަރުކޮށްގެން ސުވާލުކުރުމުން، ރޭޕްގެ ކުށް ހިންގި މީހާ ވަނީ، އޭނާ އެ ބަކަރި ރޭޕްކުރީ އޭގެ ހުއްދައާއެކު ކަމަށް ފުލުހުން ގާތު ބުނެފައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ވަނީ ލަދުވެތި އަމަލެއް ހިންގުމުގެ ކުށުގައި އަދަބު ދީފައެވެ.

މި ހާދިސާގައި ރޭޕްކޮށްފައިވަނީ ކޮން ޖިންސެއްގެ ބަކައްޓެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މަލާވީގައި މީހަކު ބަކައްޓެއް ރޭޕްކުރިއިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އަވަށްޓެރި ޒެމްބިއާގެ އުމުރުން 22 އަހަރުގެ މީހަކު ވަނީ ބަނޑުބޮޑު ބަކެއްޓެއް ރޭޕްކުރި ކަމުގެ ކުށް ސާބިތުވެ 15 އަހަރު ވަންދެން ބުރަ މަސައްކަތް ކުރުމަށް ޖަލަށްލައިފައެވެ.

މައުލޫމާތު: ރޭޑިއޯ ޖަމްބޯ ކެންޔާ