Tue, 19 March, 2024, 12:58 pm
އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މަގެއްގެ މަތީގައި ތާރު އަޅައި، ނިޝާން ޖަހާފައި --- ފޮޓޯ/ އެމްޓީސީސީ

އޭޕްރިލް 1ގެ ފަހުން އޭދަފުށިން ފުރި މީހުން ކަރަންޓީނުވާން އަންގައިފި

ބ. އޭދަފުށިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމުން, މި މަހުގެ އެކަކުން ފެށިގެން އެ ރަށުގައި އުޅުމަށް ފަހު އެހެން ރަށަކަށް ދަތުރުކޮށްފި ނަމަ އެ މީހަކު ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އޭދަފުށިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެރަށު ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެއީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ އެދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އޭގެ ފަހުން ބަލީގެ އަލާމާތް ހުރެގެން އެ ރަށު ފުލޫ ކްލިނިކަށް ދެއްކި އިތުރު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން އެރަށުގައި މިވަގުތު ދެ ކުލަސްޓާއެއް ވަނީ އުފެދިފައެވެ. މި ދެ ކުލަސްޓާއިން ރޭ ދަންވަރާ ހަމައަށް ޖުމުލަ 37 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، އޭދަފުށިން ކޮވިޑުގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ، މިމަހުގެ 1 ވަނަ ދުވަހުގެ ފަހުން އެެރަށުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އަދި އެ ތާރީހުގެ ފަހުން އޭދަފުއްޓަށް ގޮސްފައިވާ ފަރާތެއްވާނަމަ، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އަދި އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ މީހުންވެސް ސާމްޕަލްއެއް ނަގައި ޓެސްޓުކުރަން ވަނީ އަންގައިފަ އެވެ.

އެޗްޕީއޭ އިން ބުނީ، 1 އޭޕްރިލްގެ ފަހުން އޭދަފުށިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފުލޫ ކުލިނިކު، ހުޅުމާލޭ ފުލޫ ކުލިނިކު އަދި ވިލިމާލޭ ފުލޫ ކުލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދޭ ކަމަށެވެ.

އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އަދި މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލްއެއް ނަގައި ޓެސްޓު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.